ހަބަރު

އެމްއެޗް370 ރާއްޖޭ ސަރަހައްދަކު ނޯންނާނެ: ޖޭއޭސީސީ

މިދިޔަ އަހަރު ގެއްލުނު، މެލޭޝިއާ އެއާލައިންގެ ފްލައިޓް އެމްއެޗް370 ރާއްޖޭގެ ސަރަހައްދަކަށް ވެއްޓިފައި ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރި ކަމުގައި ވިޔަސް އެކަން އެހެން ވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ނިންމައި ބޯޓު ފެނޭތޯ މިހާރުވެސް ބަލަމުންދާ ސަރަހައްދު އިތުރަށް ބަލަން ނިންމައިފި އެވެ.

ސެޓެލައިޓް ކޮމިއުނިކޭޝަން ސިސްޓަމްގެ މެސެޖުތަކާއި ސެޓެލައިޓް ފޯނަކުން، ގެއްލުނު ބޯޓަށް ކޮށްފައިވާ ދެ ފޯންކޯލަކަށް އިޝާރާތްކޮށް ޖޭއޭސީސީ އިން ބުނީ އެމްއެޗް370 ދިވެހިރާއްޖޭގައި، ޑިއެގޯ ގާސިއާގައި ނުވަތަ ކަޒަކްސްތާނުގައި ވުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. މި ދެ ފޯންކޯލަކީ ބޯޓު ރާޑަރަށް ގެއްލުމުން މެލޭޝިއާ އެއާޕޯޓްގެ ގްރައުންޑް ސްޓާފުން ބޯޓާ ގުޅޭތޯ ބެލުމަށް ކުރި ދެ ކޯލެވެ. ނަމަވެސް އެ ދެކޯލަށް ވެސް ޖަވާބެެއް ނުދެ އެވެ. އެކަމަކު މި ދެ ކޯލުގެ ސަބަބުން ވަނީ އެ ކޯލްތައް ކުރި އިރު ބޯޓު ހުރި ހިސާބު ދެނެގަނެވިފައި ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ.

ލިބެން ހުރި ހެކިތަކަށް ބަލާއިރު ބޯޓު ގޮސްފައި ވަނީ ދެކުނަށް ކަމަށާއި އުތުރަށް ނުވަތަ ހުޅަނގަށް ދަތުރުކުރި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތުމުން ދިވެހިރާއްޖޭގައި، ޑިއެގޯ ގާސިއާގައި ނުވަތަ ކަޒަކްސްތާނުގައި ބޯޓު ވެދާނެ ކަމަށް ބެލެވެން ނެތީ ކަމަށް ޖޭއޭސީސީ އިން ބުންޏެވެ.

ބޯޓު ގެއްލުނު ފަހުން އެ ދުވަހުގެ ހެނދުނު ދ.ކުޑަހުވަދޫ މަތިން ވަރަށް ތިރިން ބޮޑު ބޯޓެއް ދިޔަ ކަމަށް ބައެއް މީހުން ބުނާތީ ބޯޓު ހޯދުމަށް ރާއްޖޭ ސަރަހައްދު ބަލަންޖެހޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަނެެއް ބަަޔަކު ބުނަނީ ރާއްޖޭ މަތިން، އެމެރިކާގެ މިލިޓަރީ ބޭސް ޑިއެގޯ ގާސިއާއާ ދިމާލަށް ބޯޓު ދާތީ އެމެރިކާ އިން ބޯޓު ވައްޓާލީ ކަމަށެވެ. ބޯޓު ހައިޖެކް ކޮށްގެން ކަޒަކްސްތާނަށް ގެންގޮސްފައި ވެދާނެ ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ.

ބޯޓު ފެނޭތޯ އޮސްޓްރޭލިއާގެ ހުޅަނގުން ކަނޑުގެ އަޑި ބަލާތާ އަހަރު ދުވަސް ވީއިރު ބޯޓުގެ އެއްވެސް ނިޝާނެއް ވެފައެއް ނުވެ އެވެ.