ވިޔަފާރި

ދައުލަތުން ގެރެންޓީ ދޭ ލޯނުގެ ރަހުނު އިތުރުކޮށްފި

ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުގެ ޖުމްލަ އަދަދު ރަހުނު ކުރަން ޖެހޭ ގޮތަށް، "ގެރެންޓީ ދޫކުރުމުގެ އުސޫލަށް" ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުން ގެރެންޓީ ދޫކުރުމުގެ އުސޫލަށް ގެނެސްފައިވާ އިސްލާހުގެ ތެރޭގައި ކޮމިޓްމަންޓް ފީ ނުވަތަ މެނޭޖުމަންޓްފީ ގެރެންޓީ ދޫކުރާ ތާރީހުގައި ލޯނުގެ އިންޓްރެސްޓަށް އަރާނެ ކަމަށް އަންދާޒާ ކުރާ އަދަދާއި އެހެނިހެން ހަރަދު ހިމެނޭ ގޮތަށް (ޓޯޓަލް ކޮސްޓް އޮފް ބޮރޮއިން) 100 ޕަސެންޓާ އެއްވަރުގެ އެސެޓެއް ސަރުކާރަށް ރަހުނު ކުރަން ޖެހޭ ކަމަށެވެ.

މިގޮތަށް ރަހުނު ކުރެވޭ އެސެޓް ސަރުކާރަށް ކުރިމަތިވާ ރިސްކާ އެއްވަރުގެ ސެކިއުރިޓީއެއްކަން ޔަގީން ކުރަން ޖެހޭނެ އެވެ.

މި ގަވައިދަށް ގެނެސްފައިވާ އިތުރު އިސްލާހުގެ ތެރޭގައި ނުވަވަނަ މާއްދާއަށް ނަމްބަރު ތަކެއް އިތުރު ކުރުންވެސް ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނީ ގެރެންޓީ ދެވިފައިވާ ލޯނު ދެއްކުމަށް (ގެރެންޓީ ކޯލް ކުރަން) ދަތިތަކެއް ކުރިމަތިވެ، ސެކިއުޓީ ލިކުއިޑޭޓް ކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން ގެރެންޓީ ދޭ ފަރާތުންނާއި ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިން މިނިސްޓްރީއަށް އަންގަންވާނެ ކަމަށެވެ.

މި ބަދަލާއެކު ގެރެންޓީ ކޯލް ކުރުމުން ސަރުކާރަށް ދައްކާ ފައިސާއަކީ ގެރެންޓީ ކޮށްދޭ ކުންފުންޏާއި ހިއްސާދާރުން ސަރުކާރަށް ދައްކަން ޖެހޭ ދަރަންޏަކަށް ބަދަލު ވެގެންދާނެ އެވެ.

"އަދި މި ދަރަނި އަނބުރާ ދެއްކުމަށް ގެރެންޓީއަށް ހުށަހެޅި ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ވާނެ އެވެ،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.