ހަބަރު

ޕާޓީގެ ވާހަކަ ކުލައިން ރައީސް ވިދާޅުވެ ދެއްވައިފި

  • ދަނބު ކުލައަށް ފިޔާތޮށި ދޫކޮށްލާފައި ބަޔަކު ދިޔަ
  • ކުލައިގެ ވާހަކަ ދެއްކެވި ޕާޓީއަށް އައި ބަދަލު ވިދާޅުވެ ދެއްވަން
  • ދަނބު ކުލައިގެ އަސްލު މިއަދު އެބަ ހާމަވޭ

ރައީސް އަބްދުﷲ ޔާމީން އުފެއްދި ޕާޓީ، ޕީއޭ ކުލަ ކަމަށްވާ ދަނބު ކުލައިން ގއ. ކޮލަމާފުށީ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ޕީޕީއެމްގެ ހިންގުން ދަނބު ޕާޓީ، ޕީއޭގެ ބޭފުޅުންނަށް ދޫކޮށްލައި، ބައެއް ބޭފުޅުން ޕީޕީއެމްއިން ދުރަށް ވަޑައިގެންފައިވާ ކަމަށެވެ.

ގއ. ވިލިނގިލީ ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕެއިން ފެށުމަށް އެ ދާއިރާގެ ކޮލަމާފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިިކުފާނުގެ ހިތުގައި އެންމެ ބޮޑު އިހްތިރާމެއް އޮތް ކުލައަކީ ދަނބު ކުލަ ކަމަށެވެ. ހަމައެއާއެކު މިހާރު ޕީޕީއެމްގެ ފިޔާތޮށި ކުލައަކީ ވެސް އެމަނިކުފާނަށް ރީތި ކުލައެއް ކަމަށެވެ. އެމަނިކުފާނު މި ދެ ކުލައިގެ ވާހަކަ ދެއްކެވީ، ޕީޕީއެމްއަށް އައި ބަދަލުތައް ކިޔައިދެއްވުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ މަރުހަބާއެއް ތި ވިދާޅުވީ، އަދި އަޅުގަނޑު ހިތުގަ އެންމެ އިހްތިރާމް އަދި އެންމެ ލޯބި ދެވޭ ކުލައަކަށް ވަނީ ދަނބު ކުލަ ކަމަށްވާއިރު ދަނބު ކުލައިގެ ސާލެއްގެ ގޮތުގައި ހުރިހާ އަންހެން ބޭފުޅުން ތިޔަ ތިއްބެވީ ދަނބު ކުލައިގެ ބުރުގާ އަޅުއްވައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޑީއާރްޕީގެ މިސްރާބު ދާންޖެހޭ ދިމާލަށް ނޫން އެހެން ދިމާލަކަށް ބަދަލުވުމުން އޮޑީގެ މާލިމީއަށް ފަސޭހަ ފަޅުވެރިންތަކެއް ލައިގެން އޮޑި ދުއްވުމަށް ފުރުސަތުދީ އެ އޮޑިން ފޭބުމަށް އޭރު އެމަނިކުފާނު ނިންމެވި ކަމަށެވެ. ޑީއާރްޕީގެ ނޫކުލަ ދޫކޮށްލެއްވުމަށްފަހު ދަނބު ކުލަ އިހްތިޔާރުކޮށް އާ ޕާޓީއެއް އުފެއްދެވީ އެ ހިސާބުން ކަމަށެވެ.

"މިއަދު ދަނބު ކުލައިގެ އަސްލު އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންގެ ޕާޓީއަށް ފިޔާތޮށި ކުލަ އިހްތިޔާރު ކުރުމުގައި ވެސް އެންމެ އިސް މީހަކަށް ހުރީ އަޅުގަނޑު، ފިޔާތޮށި ކުލަ އިސް ކުރުމުގެ އެންމެ އިސް މީހަކަށް ވާނީ އަޅުގަނޑު، އަޅުގަނޑުމެންގެ ޕާޓީގެ އިސްކޮށް ތިއްބެވި އެހެން އިއްޒަތްތެރި ބޭފުޅުންނަށް ރީތިވީ ރަތް ކުލަ، އެކަމަކު އަޅުގަނޑަށް ރީތިވީ ފިޔާތޮށި ކުލަ، އެހެންވެ މި ދެ ކުލައަކީ ވެސް އަޅުގަނޑުގެ ހިތުގަ ލޯބި ދެވިފަ އޮތް ދެ ކުލަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދަނބު ކުލަ އޭރު ރަމްޒު ކޮށްދިނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމް ތިބި ވަރުގަދަ އަޒުމު ކަމަށާއި ދަނބު ކުލައިގެ އެ ޕާޓީ އުފެއްދީ އެ ކުލައިގެ މަތީގައި ތިބުމަށް ކަމަށެވެ. އެ އަޒުމަށް ފިކުރަށް ހިޔާލަށް އަދި ސިޔާސަތަށް ބަދަލެއް ނައިސް އުފެއްދި ޕާޓީއަކީ ފިޔާތޮށި ޕާޓީ، ޕީޕީއެމް ކަމަށެވެ. އެ ޕާޓީއަކީ އެ ދަނބު ކުލައިގެ ޕާޓީގެ ތެރެއިން އުފެދުނު ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ދަނބު ކުލައިގެ އަސްލު އަޅުގަނޑުމެންނަށް އެބަ ފެނޭ، ޕާޓީއަށް ފިޔާތޮށި ކުލަ އިހްތިޔާރު ކުރުމުގައި ވެސް އެންމެ އިސް މީހަކަށް ހުރީ އަޅުގަނޑު، ފިޔާތޮށި ކުލަ އިސް ކުރުމުގެ އެންމެ އިސް މީހަކަށް ވާނީ އަޅުގަނޑު، ޕާޓީގެ އިސްކޮށް ތިއްބެވި އެހެން އިއްޒަތްތެރި ބޭފުޅުންނަށް ރީތިވީ ރަތް ކުލަ،
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ރައީސުލްޖުމްހޫރިއްޔާ

"މި ޕާޓީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ޕާޓީ ދޫކޮށް އެ ވަޑައިގެންނެވީ އަނެއްކާވެސް މި ޕާޓީގައި އިސްކޮށް މަސައްކަތް ކުރެއްވުމަށް ދަނބު ކުލައިގެ ޕާޓީ މީހުންނަށް ވެސް ފުރުސަތު ދެއްވަމުން، އެހެންވީމަ ދަނބު ކުލައާ އަޅުގަނޑުމެންގެ ފިކުރާ އެންމެ ފުރަތަމަ ވެސް ގުޅިފައި އޮތް ގޮތް މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައިދީ، ރައްޔިތުންގެ ހިތުގެ ތަޅުދަނޑި ހޯއްދެވުން ކަމަށެވެ. ތަނަކަށް ތަރައްގީ އަންނަނީ އެ ތަނެއްގެ ހާލަތު ބަދަލުކުރުމުގެ ވިސްނުން އެތަނެއްގައި ދިރިއުޅޭ ބަޔަކު ގެންގުޅޭނަމަ ކަމަށެވެ. ރާއްޖޭގެ ހާލަތު ބަދަލުކުރަން އަންނާނީ އެހެން ގައުމުތަކުން ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.