ހަބަރު

ވަކީލުން ހޯދަން 12 ބޭފުޅުން ދިގު މުއްދަތަކަށް އެދިއްޖެ

ދައުލަތުން ކޮށްފައިވާ ދައުވާގައި ޖަވާބުދާރީވުމަށް ގާނޫނީ ވަކީލަކު ހޯދަން ދައުވާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން އެދިވަޑައިގެންފި އެވެ. އެކަމަށް ދިގު މުއްދަތެއް ދެއްވުމަށް މެންބަރުން އެދިވަޑައިގަތީ އެ މެންބަރުންގެ ވަކީލުން އަދި އެންމެ ހަރަކާތްތެރި ވަކީލުން ސަސްޕެންޑްކޮށްފައި ތިބުމުންނެވެ.

ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ. މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ.

މިއަދު ބޭއްވި މި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި މެންބަރުން ކުރިއަށް ވަޑައިގަންނަވަން ބޭނުން ވަނީ ވަކީލަކާއެކު ކަމަށް ވިދާޅުވުމުން ވަކިވަކިން މެންބަރުންނާ ވަނީ ވަކީލަކު ހޯދަން ކިހާ ދުވަހެއް ބޭނުންވޭތޯ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލުކުރައްވާފަ އެވެ.

ސުވާލުކުރުމުން ބައެއް މެންބަރުން ވަނީ ވަރަށް ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން މެންބަރު އަބްދުލް ކަރީމް ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންފަ އެވެ. މެންބަރު ފަލާހާއި ޝާހިދު ދެ މަސް ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންނެވިއިރު، އަމީތާއި އިބޫ ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންފަ އެވެ.

އެހެން މެންބަރުން ވެސް ވަނީ އެކަށީގެންވާ މުއްދަތެއް ނުވަތަ ދެއްވެން އޮތް އެންމެ ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތަށް އެދިވަޑައިގެންނެވި ސަބަބެއް ކަމަށް ގިނަ މެންބަރުން ވިދާޅުވީ، އެ މެންބަރުން ތަހުގީގުގައި ގެންގުޅުއްވި ވަކީލުން މިހާރު ސަސްޕެންޑް ކޮށްފައި ތިބުމެވެ. އަދި އެ މެންބަރުން ދަންނަ ގިނަ ވަކީލުން ވެސް މިވަގުތު ސަސްޕެންޑް ކޮށްފައި ތިބުމުން ވަކީލަކު ހޯދަން އުނދަގޫވުމެވެ. އޭގެ އިތުރުން ވެސް ސިޔާސީ ބޭފުޅުންގެ މައްސަލައަށްވާތީ މިހާރު ސަސްޕެންޑްގައި ނެތް ދިފާއީ ވަކީލުން އެ މައްސަލަ ނެންގުވުމަށް އިންކާރު ކުރައްވާކަން ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދެވެން އޮތް އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށާއި ހުރިހާ މެންބަރުންނަށް ވެސް އެ މުއްދަތު އަރުވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ވަކީލަކު ނުހޯދި، މަގުބޫލު އުޒުރެއް ދައްކަވައިފިނަމަ އިތުރަށް ވެސް މުއްދަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަމީތާއި ވައްޑެ އަދި ސައުދުގެ މައްޗަށް ހަމަ އެއް ގަޒިއްޔާގެ ދަށުން އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެ ދައުވާގެ އިބްތިދާއީ އަޑުއެހުން ވެސް މިއަދު ފެށިއިރު އެ ދައުވާގައި ޖަވާބުދާރީވާން ވަކީލަކު ހޯދަން ވަނީ 10 ދުވަސް ދީފަ އެވެ.

މެންބަރުންނަށް މި ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.