ވިޔަފާރި

މޫޑީސްގެ ރޭޓިން: ރާއްޖޭގެ އިގްތިސޯދު ދުޅަހެޔޮ

  • ދަރަނީގެ މައްސަލަ ފާހަގަ ކޮށްފައިވޭ
  • މިފަހަރު ވެސް ދީފައިވަނީ ބީ ޓޫ
  • މަޝްރޫއުތަކާ މެދު އަލި އަޅުވާލާފައިވޭ

މޫޑީސް އިންވެސްޓާސް ސާވިސް އިން ހެދި ރާއްޖެ ދެވަނަ ކްރެޑިޓް ރޭޓިންގައި އިގްތިސާދު ދުޅަހެޔޮ ކަމަށް ބުނެފި އެވެ. ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު އަންގައި ދިނުމުގެ ގޮތުން ނެރެފައިވާ ދެވަނަ ސޮވެރިން ކްރެޑިޓް ރޭޓިންގައި ރާއްޖޭގެ ދަރަނީގެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށްވެސް އަލި އަޅުވާލާފައިވެ އެވެ.

މޫޑީސްގެ ދެވަނަ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު "އަވަސް" އަށް ވިދާޅުވީ ރޭޓީންގެ ހުރީ ރާއްޖެއަށް ރަނގަޅަށް ކަމަށެވެ.

"ހުރިހާ ޗެލެންޖުތަކާއެކު ވެސް ރަނގަޅު ކަމަށް ބުނެފައިވަނީ. އެކަން ފާހަގަ ކޮށްލަން ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.

ހުރިހާ ޗެލެންޖުތަކާއެކު ވެސް ރަނގަޅު ކަމަށް ބުނެފައިވަނީ. އެކަން ފާހަގަ ކޮށްލަން ޖެހޭ
އަހުމަދު މުނައްވަރު | ފިނޭންސް މިނިސްޓަރު

ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންއެއް ނެރެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުރަތަމަ ކްރެޓިޑް ރޭޓިންގައި ރާއްޖެ އަށް ދީފައިވަނީ "ބީ-2" ރޭޓިން އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރި އަރާނެ ކަމަށް އެ ރޭޓުންގައި ލަފާކޮށްފަ އެވެ. ނަމަވެސް އިގްތިސާދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް އިތުރު ކުރުމުގެ މުހިންމުކަން މޫޑީސްއިން ފާހަގަ ކުރެ އެވެ. ސަރުކާރުން ފަށާފައިވާ، ބޮޑެތި އުމްރާނީ މަޝްރޫއުތަކާއެކު ރާއްޖޭގެ ދަރަނި އިތުރުވަމުން ދާކަން ފާހަގަ ކުރަމުން، މޫޑީސްއިން ބުނެފައި ވަނީ، ދަރަނި ނެގުމާއި އަނބުރާ ދެއްކުމުގެ ގާބިލިއްޔަތުކަން ދިވެހި ސަރުކާރުގައި އެބަހުރި ކަމަށެވެ.

ކްރިޑިޓް ރޭޓިންގައި ބަލާ ކަންކަން

* ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު
* އިޤްތިސާދީ ދުޅަހެޔޮކަން
* ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަން
* ސިޔާސީ މާހައުލުގެ ހަމަޖެހުން

ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާހައުލު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ. އެހެންކަމުން، ސޮވެރިން ކްރެޑިޓް ރޭޓިން އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު އެއްމިންގަނޑެކެވެ. މީގެ ކުރިން ވެސް ސަރުކާރުން ތަކުން މިފަދަ ރޭޓިން އެއް ހެދުމަށް މަސައްކަތް ކޮށްފައިވެ އެވެ.