ވިޔަފާރި

އެމްޓީސީސީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން މިރޭ ހުޅުވާލާނެ އެވެ.

އެމްޓީސީސީން ބުނީ ހިއްސާ ގަތުމަށް ހުޅުވާލުމުގެ ގޮތުން ހިއްސާދާރުން ބައިވެރިވާ ގޮތަށް ހޮޓެލް ޖެންގައި މިރޭ ހާއްސަ އިވެންޓެއް އޮންނާނެ ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންދަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް، ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލާއެކު ހިއްސާއެއް ވިއްކާނީ 62ރ. އަށެވެ.

ހިއްސާދާރުންނަށް އިތުރު ހިއްސާ ދޫކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ރައިޓް އިޝޫ ކުރަން ނިންމީ ހިއްސާ ގަތުމަށް ފަސޭހަވާނެ ކަމަށް ބަލައިގެން ކަމަށެވެ.

"މިކަންކުރުމުން ލިބޭ ފައިދާއަކީ ބައެއް ބޭފުޅުންނަށް ދަތިވާނެ މޫނުމަތީ އަގު 50ރ. އަށް އޮތުމުން. އެކަމަކު މިގޮތަށް ސްޕިލިޓްކޮށްލުމުން ކޮންމެ ބޭފުޅަކަށް ވެސް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމު ހިއްސާދާރުންނަށް އެ މީހަކު ހިއްސާވާ މިންވަރަކަށް ހިއްސާ ގަނެވޭނެ ކަމަށެވެ. އަދި ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނު އިކުއިޓީ އަކަށް ބަދަލުވުމުން ކުންފުނީގެ ހިއްސާތަކެއް ސަރުކާރަށް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެމްޓީސީސީއިން އިތުރު ހިއްސާ ވިއްކުމާއެކު އެ ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ބަދަލު އަންނާނެ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.