އެމްޓީސީސީ

އިތުރު ހިއްސާ ވިއްކައިގެން އެމްޓީސީސީ އިން 304 މިލިއަން ރުފިޔާ ހޯދަނީ

  • ހިއްސާއެއް ވިއްކާނީ 62 ރުފިޔާއަށް
  • ގަތުމުގެ ފުރުސަތު 19 އިން ފެށިގެން ލިބޭނެ
  • ހިއްސާ ވިއްކަނީ ޑްރެޖަރުގެ މުއާމަލާތާ ގުޅިގެން

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންނަށް 62ރ. އަށް ހިއްސާއެއްގެ ގޮތުގައި، ހިއްސާ ވިއްކަން މިރޭ ހުޅުވާލައިިފި އެވެ.

"ހޮޓެލް ޖެން" ގައި އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައި ހިއްސާދާރުންނަށް "ރައިޓްސް އިޝޫކުރުން" ހުޅުވާލުމުގެ ގޮތުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ މި ފުރުސަތު ހުޅުވައިލުމާއެކު އެ ކުންފުނީގެ 22،000 އެއްހާ ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މިއީ ހިއްސާދާރުންނަށް ލިބޭ ފުރުސަތެއް. ހުރިހާ ހިއްސާދާރުންނަށްވެސް ހިއްސާ ގަނެވޭނެ. ހިއްސާދާރުން ބޭނުންވެއްޖެނަމަ ޓްރާންސްފާ ރައިޓްސް ބަދަލުކޮށް، އެހެން ފަރާތްތަކަށްވެސް ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންދަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް، ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ.

މިގޮތުން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދުމަށް ނިންމާފައިވެ އެވެ.

ޗެއާމަން ނިޔާޒު ވިދާޅުވީ ހިއްސާ ވިއްކައިގެން އެކަށީގެންވާ އަދަދެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"މިހާރު ވެސް ބޮޑު އަދަދެއް ލިބިއްޖެ. ސަރުކާރުގެ ހިއްސާ އިކުއިޓީއަކަށް ބަދަލު ކުރެވުމުން. މި މަސައްކަތް މުޅިރާއްޖޭގައި ހިންގިއްޖެނަމަ އުންމީދު ކުރަނީ މި އަދަދު ހަމަވާނެ ކަމަށް، އުންމީދު ކުރަނީ ޓާގެޓަށް ރީޗް ވާނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.

ހިއްސާ ގަތުމުގެ ފުރުސަތު އަންނަ މަހުގެ 19 އިން ޑިސެމްބަރު ތިނެއްގެ ނިޔަލަށް ލިބޭނެ އެވެ. އަދި ހިއްސާ އެކަށައެޅުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު މަހު އެވެ.