ވިޔަފާރި

"މަހާޖައްރާފު" ން ރާއްޖޭން ބޭރުގައިވެސް ބިން ހިއްކާނެ

އެމްޓީސީސީ ބަނދެގެން ގެންނަ ކޮންނަ ބޯޓު، "މަހާ ޖައްރާފު" އިން ރާއްޖޭން ބޭރުގައި ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް، އިތުރު ހިއްސާ ވިއްކަން ފަށަން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ މި ޑްރެޖަރު ގެންނަނީ ވިޔަފާރީގެ ނަފާ ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

"މިކަހަލަ ޑްރެޖަރެއް ރާއްޖޭގައި އޮތުމަކީ ދުނިޔޭގެ އެކި ތަންތަނުގައި ވެސް މިކަން ކުރާ ފަރާތްތަކަށް އެނގޭނެ ކަމެއް. އެހެންވީމަ މުސްތަގުބަލުގައި ރާއްޖޭން ބޭރުގައި މާކެޓު ކުރެވިގެން ޑްރެޖު ކުރުމުގެ މަސައްކަތް. ބިޒްނަސް ޕްލޭން މިހާރު ވެސް ކުރިއަށް އެބަ ގެންދޭ،" ނިޔާޒު ވިދާޅުވި އެވެ.

އެމްޓީސީސީން ވަނީ "މަހާޖައްރާފު" އަންނަ މަހު ރާއްޖެ ގެންނާނެކަން ރޭ އިއުލާނުކޮށްފަ އެވެ.

އޭނާ ވިދާޅުވީ ޑްރެޖަރު ރާއްޖެ ގެނައުމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތުން ފެށިގެންދާ ކަމަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ހުއްޓުމެއް ނެތް ކަމެއް ކަމަށާ، އެހެން ކަމުން މި ޑްރެޖަރަކީ ރަނގަޅު އިންވެސްޓްމަންޓަކަށްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ރިސޯޓު ވެސް ހަދާނީ ބިން ހިއްކައިގެން. ތަރައްގީގެ މަޝްރޫއުތަކަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްޓޭ ކަންތަކެއް ނޫން. ދަނީ ގިނަވަމުން. އެހެންވެ މިއީ ރަނގަޅު އިންވެސްޓްމަންޓެއް،" ސައީދު ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. އަދި މި އުޅަނދު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.