ވިޔަފާރި

އެއާޕޯޓް ނިމެންވާއިރަށް މޯލްޑިވިއަން އިތުރަށް ފުޅާކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް، ގައުމީ އެއާލައިން ފުޅާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އަންނަ އަހަރު އެއާޕޯޓުގެ މަސައްކަތް ނިމި ހުޅުވެންވާއިރަށް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓުތައް އިތުރު ކުރުމާއި އެއާލައިނަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުންވެސް ހިމެނޭ ކަމަށެވެ.

"ވަރަށް ބޮޑަށް ފޯކަސް ކޮށްގެން މި އުޅެނީ ސީޕްލޭން ފުޅާ ކުރަން. މި ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ފަސް މައިންދާ ބޯޓު ހޯދަން މަސައްކަތް ފަށައިފިން. ނޮވެމްބަރު ފަހު ކޮޅު ބޯޓެއް އަންނާނެ. އަދި އަންނަ އަހަރު ކުރީ ކޮޅު ތިން ބޯޓު އަންނާނެ. ސީޕްލޭން އެކްސްޕޭންޑް ކުރަނީ ޓޫރިޒަމް ފުޅާވަމުންދާތީ. އަޅުގަނޑުމެންގެ ހިދުމަތް ރަނގަޅު ކަމަށް ބަލައިގެންފި،" މޯލްޑިވިއަން ކާގޯ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން ސީޕްލޭންގެ ވީޑިއޯއެއް--

އޭނާ ވިދާޅުވީ މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އިތުރު "ޑޭޝް 8" ގެ ބޯޓު ފަހަރު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. ޑޭޝް 8 ގެ އާ ބޯޓެއް އަންނަ މަހު ފަހުކޮޅު ރާއްޖެ އަންނާއިރު އިތުރު ދެ ބޯޓެއް އަންނަ އަހަރު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު އެއާޕޯޓުތައް ހުޅުވެމުން މިދަނީ. ޓޫރިސްޓު ހޮޓާތައް ހުޅުވެމުން އެބަދޭ. ކޫއްޑޫގައި ވެސް މާކެއޯ ގްރޫޕުގެ ހޮޓަލެއް ކޫއްޑޫގައި ހުޅުވުނީ. އަނެއްކާ އަންނަ އަހަރު މި ގްރޫޕުގެ މާމުޓާވެސް އެބަ ހުޅުވޭ 200 ރޫމްގެ. މި ތަންތަނަށް އެކްސްކްލޫސިވް ޓްރާންސްޕޯޓް މިދެނީ،" ހާރިސް ވިދާޅުވި އެވެ.

އިތުރު އެއާލައިންތަކެއް ހޯދުން

މޯލްޑިވިއަންއިން ވަނީ ސީޕްލޭންގެ ހިދުމަތް ފުޅާ ކުރަން އަމާޒު ހިފާފަ އެވެ. މިގޮތުން މި އޮޕަރޭޝަނަށް ގެންނަ ބޯޓު ފަހަރު އެ ކުންފުނިން ގެންނަނީ ގަނެގެންނެވެ.

ހާރިސް ވިދާޅުވީ މީގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކާއި ދެކުނު އެފްރިކާއަށް ފުޅާ ކުރަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ އެއާޕޯޓު އެކްސްޕެންޝަން. ސެކަންޑް ރަންވޭ އައުމާއެކު ހަތް މިލިއަން ޓޫރިސްޓުންނަށް އަމާޒު ހުރީ. މާލެ ކައިރީގައި ހޮޓެލް ޕްރޮޕަޑީ މަދު. އެހެންވެ މި ދަނީ މާލެއިން ދުރަށް. މާލެ އެއާޕޯޓަށް މި އަންނަ ޓްރެފިކް އުފުލަން ޖެހޭނީ ޑޮމެސްޓިކް ކެރިއާސް. އެހެންވީމަ ނޭޝަނަލް އެއާލައިންގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ. އެހެންވީމަ ފްލީޓް އިތުރު ކުރުން،" ހާރިސް ވިދާޅުވި އެވެ.

ޕައިލޮޓުން ތަމްރީން ކުރަން ފެށުން

އޭނާ ވިދާޅުވީ އެއާލައިނެއް އޮޕަރޭޓް ކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާ، ޕައިޕޮޓުންވެސް ހޯދަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދައްކަވަމުން މިދަނީ ޕައިލޮޓު ޕޫލެއް ގާއިމް ކުރަން. އަސްލުގައި ޕައިލޮޓުން ޓްރެއިނިން ނިންމާ ގޮތަށް އައިސް ބޯޓެއް ނުދުއްވޭނެ. ޓްރެއިން ނިންމާތާ ފަސް އަހަރު ވަރު ފަހުން މި ކެޕްޓަނަކަށް ވެވެނީ
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް

"ދުނިޔޭގައި ޕައިލޮޓުންގެ ވަރަށް ބޮޑު ޝޯޓޭޖެއް އެބައޮތް. ދުނިޔޭގެ ބޮޑެތި އެއާލައިންތަކުންވެސް އުޅެނީ ޕައިލޮޓުން ނުލިބިގެން. ޕައިލޮޓުން ނެތިންގެން އެއާބާލިން އާއި ރަޔަން އެއާފަދަ އެއާލައިން އޮތީ ގްރައުންޑްތައް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ޕައިލޮޓުން ތަމްރީން ކުރުން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. މިގޮތުން އަންނަ އަހަރުގެ މައިގަނޑު ފޯކަސްއަކީ މީހުން ތަމްރީން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދައްކަވަމުން މިދަނީ ޕައިލޮޓު ޕޫލެއް ގާއިމް ކުރަން. އަސްލުގައި ޕައިލޮޓުން ޓްރެއިނިން ނިންމާ ގޮތަށް އައިސް ބޯޓެއް ނުދުއްވޭނެ. ޓްރެއިން ނިންމާތާ ފަސް އަހަރު ފަހުން މި ކެޕްޓަނަކަށް ވެވެނީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އަންނަ އަހަރު އިންޓަނޭޝަނަލް އިތުރު މަންޒިލްތަކަށް ދަތުރު ކުރަން ވެސް ޕްލޭން ކޮށްފައިވާ ކަމަށެވެ.

"އިންޓަނޭޝަނަލް ޓްރާންސްފާ އިތުރު ކުރުން ވެސް މިއީ ވަރަށް ބޮޑަށް އިސްކަމެއް ދޭކަމެއް."

ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަނީ، އިންޑިޔާ އާއި ޗައިނާގެ ހަ މަންޒިލެއްގެ އިތުރުން ތައިލެންޑަށް ވެސް ދަތުރު ކުރަމުންނެވެ.

ސަރުކާރުން ދަނީ ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއަށް އެއް ބިލިއަނެއްހާ ޑޮލަރު ހޭދަވާއިރު، މަޝްރޫއު ނިމޭއިރު، އާ ރަންވޭ އަކާއި އާ ޕެސެންޖަރު ޓާމިނަލްއެއް އަދި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައްވެސް ގާއިމް ކުރާނެ އެވެ. މިގޮތުން ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ.