ޕީޕީއެމް

ޕީޕީއެމުން ކާނިވަލުގައި ރެލީއެއް ބާއްވަނީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޮޑު ރެލީއެއް މި މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާކަން އިއުލާންކޮށްފި އެވެ.

ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ޕީޕީއެމްގެ ވަރަށް ހާއްސަ ރެލީއެއް މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. -- އެއީ "ތައްޔާރު" ގެ ނަމުގައި ބާއްވާ ރެލީއެކެވެ.

ރެލީއާ ބެހޭ މާބޮޑު މައުލޫމާތެއް އަދި ޕީޕީއެމްއިން ހާމަ ނުކުރާއިރު ބެލެވޭ ގޮތުގައި އެ ރެލީއަކީ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރެލީއެކެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މުޒާހަރާތަކާއި އެއްވުންތައް މިހާރު ބޭއްވޭނީ ކާނިވާ ސަރަހައްދުގަ އެވެ. މީގެ ކުރިން ވެސް ޕީޕީއެމްއިން ވަނީ އެ ސަރަހައްދުގައި ރެލީތައް ބާއްވާފަ އެވެ. އިދިކޮޅު ފަރާތްތަކުން ގާނޫނަށް އެ އިސްލާހު ގެނައި ފަހުން އެ ސަރަހައްދުގައި އެއްވުމެއް ބާއްވާފައިވަނީ ކާޑު އަގު ބޮޑުކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން އެއްވެއުޅުމުގެ ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް އެންގުމަށް ފަހު، ގްރީން ޒޯން ކަމުގައި ނުހިމެނޭ މާލޭގެ ކޮންމެ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެ އެވެ. އަދި އެއާޕޯޓާއި ބަނދަރު ފަދަ ތަންތަނުގައި މުޒާހަރާ ކުރުން ވަނީ ގާނޫނުން މަނާކޮށްފަ އެވެ.