ދިގުރަށް

ދިގުރަށުން ބޭސް ނުލިބޭތީ ރައްޔިތުން ކަންބޮޑުވެއްޖެ

އދ. ދިގުރަށުގައި އެސްޓީއޯއިން ހިންގާ ބޭސް ފިހާރައިން އެކަށީގެންވާ މިންވަރަށް ބޭސް ލިބެން ނުހުންނާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިގުރަށުގައި އެންމެ ފުރަތަމަ ބޭސް ފިހާރަ ހިންގަމުން އައީ ރައްޔިތުންގެ ބަޖެޓުން ރައްޔިތުންގެ އިމާރާތެއްގަ އެވެ. އެ އިމާރާތް މިހާރު ވަނީ އެއްވެސް ކުއްޔަކާ ނުލާ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އެތަނުގައި ބޭސް ފިހާރައެއް މިހާރު ހިންގަމުން ދަނީ އެސްޓީއޯއިންނެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝިރުހާން ވިދާޅުވީ، އެ އިމާރާތް އެއްވެސް ކުއްޔަކާ ނުލައި އެސްޓީއޯއާ ހަވާލުކުރީ އެންމެ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުން ކަމަށެވެ.

"ނަމަވެސް މިހާރު ރަށުން އެންމެ އަސާސީ ބޭސްތައް ވެސް ލިބެން ނުހުރޭ، ބޭނުންވާ ގިނަ ބޭސްތައް އަބަދުވެސް ހުންނަނީ ހުސްވެފައި،" ޝިރުހާން ވިދާޅުވި އެވެ.

ޝިރުހާން ވިދާޅުވީ، ބޭސް ފިހާރައިން ބޭސް ލިބެން ނުހުންނާތީ ސިއްހީ މަރުކަޒުގައި ހުންނަ އެމެޖެންސީ ބޭސްތައް މިހާރު ރައްޔިތުންނަށް ދޫކުރަމުންގެންދާ ކަމަށެވެ. މިހާރު ވެސް އެކި ފަރާތްތަކުން އެހީ ހޯދައިގެން ކައުންސިލުން ރަށަށް ބޭސް ގަންނަމުންދާކަން ޝިރުހާން ފާހަގަކުރެއްވި އެވެ. ޝިރުހާން ވިދާޅުވީ، އެކަން ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ.

"ވަރަށް އަސާސީ ހިދުމަތަކުން އަޅުގަނޑުމެން މި މަހުރޫމް ވަނީ، މިއީ ޓޫރިޒަމް ވެސް ފައްކާވަމުން އަންނަ ރަށަކަށްވާއިރު މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ޝިރުހާން ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ މަރުކަޒުގެ ޑޮކްޓަރުގެ ފެންވަރު ވެސް ރަށުގައި ވަރަށް ދަށް ކަމަށާއި ޓޫރިސްޓަކަށް ބައްޔެއް ނުވަތަ އަނިޔާއެއް ލިބުނަސް އެކަށީގެންވާ ފަރުވާއެއް ދެވެން ނެތް ކަމަށެވެ. އެއީ ގެސްޓް ހައުސްތަކުގެ ވެރިން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އުއްމީދަކީ ރަށުގެ ސިއްހީ ހިދުމަތްތައް މިއަށްވުރެ ރަނގަޅުވުން، މިއެއް ނޫން އެ ހިދުމަތުގެ ފެންވަރު ހުންނަންޖެހޭނެ ހިސާބަކީ، މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ރައްޔިތުން އެދުން،" ޝިރުހާން ވިދާޅުވި އެވެ.