ރާއްޖޭގެ އިގްތިސާދު މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު ނިސްބަތުން ކުޑަ އެވެ. އާމްދަނީ ހޯދޭނެ ވަސީލަތްތައް ވެސް މަދެވެ. މުޅި އިގްތިސާދު ބިނާވެފައިވަނީ ޓޫރިޒަމްގެ މައްޗަށެވެ. މިހެންވެ، ސަރުކާރުން ވަނީ އިގްތިސާދު ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. މިގޮތުން ބޭރުގެ އެކި މާލީ އިދާރާތަކުން ގިނަ އަދަދެއްގެ ލޯނު ވަނީ ނަގާފަ އެވެ. ސުވާލަކީ މިދަރަނި ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟
"ރާއްޖޭގައި މިހާރު އިންވެސްޓްކުރެވޭ ދާއިރާތަކަކީ ރާއްޖޭގެ ޖީޑީޕީ އިތުރު ކުރަން ކޮންމެހެން ވެސް އިންވެސްޓް ކުރަން ޖެހޭ ދާއިރާ ތަކެއްކަން ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ގަބޫލު ކުރައްވާ،" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރިން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ލޯނު ނަގައިގެން ބިޔަ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެންމެ ބޮޑު އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއެވެ. މީގެ އިތުރުން ހިމެނެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއާއި ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫ އެވެ. މި މަޝްރޫއު ތަކަށް ބޭރުގެ ލޯނު އެހީ އިން މިދިޔަ އަހަރު 997 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި މި އަހަރު އެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މިގޮތުން، ވީއައިއޭ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ.
މިހާރު އިންވެސްޓްކުރެވޭ ދާއިރާތަކަކީ ރާއްޖޭގެ ޖީޑީޕީ އިތުރު ކުރަން ކޮންމެހެން ވެސް އިންވެސްޓް ކުރަން ޖެހޭ ދާއިރާ ތަކެއްކަން ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ގަބޫލު ކުރައްވާފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
މި މަޝްރޫއު ކުރި އަށް ގެންދަނީ ލޯނުގެ ގޮތުގައި ބޮޑު އަދަދުތަކެއް ނަގައިގެންނެވެ. މިގޮތުން ސައޫދީ ފަންޑްފޯ ޑިވްލޮޕްމަންޓާއި އަބޫދާބީ ފަންޑް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) ފަދަ ގިނަ މާލީ އިދާރާތައް ހިމެނެ އެވެ. މިގޮތުން ލޯނު އެހީގެ 39 ޕަސެންޓް ހޭދަކުރަނީ މި މަޝްރޫއުތަކަށެވެ. މި އަހަރަށް ލަފާކުރި، ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރު ބޭރުގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރާނީ ބޭރުގެ މާލީ އިދާރާތަކުގެ ދަރަންޏެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ވީއައިއޭ ތަރައްގީކޮށް ނިމުމުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ އެވެ. މިގޮތުން ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް އެއާޕޯޓުވުމަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ސަރުކާރުން ދެކެ އެވެ.
ދެން އުފެދޭ، ސުވާލަކީ މި މަޝްރޫއުތަކަށް ނަގާ ލޯނުތައް އަދާކުރަން ލާރި ހޯދާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އަދި ސަރުކާރުން ކުރިން ބުނެފައިވާ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރު ކުރަން ކުރިން ޕްލޭންތަކުން ނުކުތީ ކޮން ނަތީޖާއެއް ހެއްޔެވެ؟
މިހާރު ހަރަދު ކުރަމުން ގެންދާ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ބައެއް ދާއިރާތައް ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން ދެ އަހަރު ވެސް ބަޖެޓުގައި ޖަހަމުން އައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) އިން ވެސް އެތަށް ބިލިއަން ރުފިޔާއަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މީގެ އިތުރުން ބަޖެޓުގައި ހުރި އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި އެސްއީޒެޑުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 500 މިލިއަން ރުފިޔާ އާއި ބިންވެރިކޮށްގެން 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މީގެ އެއްވެސް ކަމެއްގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.
ނަމަވެސް، ސަރުކާރުން ބުނެފައިވަނީ މިހާރު ނަގަމުންދާ ލޯނަކީ ރަނގަޅު ވަގުތުގައި ނަގާ މުހިންމު ލޯނު ކަމަށެވެ. އަދި މި ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ. މިގޮތުން ލޯނު ދެއްކުމަށް 2015 ވަނަ އަހަރު 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިދިޔަ އަހަރު 2.8 ބިލިއަން ރުފިޔާ އެކަމަށް ހޭދަކުރިއިރު، މި އަހަރު ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ބަޖެޓު ފޮތުގައި ވެ އެވެ.
ކޮންމެއަކަސް އަހަރު ނިމެނީ އެވެ. ސުވާލަކީ މި މަޝްރޫއުތަކަށް ނަގާ ލޯނުތައް ދެއްކޭނެ ބާ އެވެ؟ ހަމަ ގައިމުވެސް މިކަން އެނގޭނީ މަޝްރޫއުތައް ނިމުމުންނެވެ.