މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
އެމްޓީސީސީން "އެޗްއާރު އެވޯޑް 2017" ގެ ނަމުގައި ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހާއްސަ އެވޯޑުތައް ދެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ގިނަ އަދަދެއްގެ މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވެ އެވެ.
މީގެ އިތުރުން ކުންފުނީގެ ހަރަދުގައި މުވައްޒަފުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، ސްކޯލާޝިޕްގެ ފުރުސަތުތަކެއް ވެސް ދީފައިވެ އެވެ. މި ސްކޮލާޝިންތައް ދިން ދާއިރާތަކުގެ ތެރޭގައި ޑިޕްލޮމާ އާއި ބެޗްލާސް ޑިގްރީ އަދި މާސްޓާސް ހިމެނެ އެވެ. އެގޮތުން 50 މުވައްޒަފަކަށް މަތީ ތައުލީމަށް ކިޔެވުމުެ ފުރުސަތު ދީފައިވެ އެވެ. އަދި 10 އަހަރު ހިދުމަތް ކުރުމަށްފަހު ރިޓަޔާކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުން ވެސް އޮތެވެ.
ރާއްޖޭގެ ފުރަތަމަ ޕަބްލިކް ކުންފުނީގެ ގޮތުގައި 1980 ވަނަ އަހަރު އުފެއްދި، އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ. ރާއްޖެ އެތެރޭގައި ދަތުރުފަތުގެ ހިދުމަތް ދެމުންގެންދާ މި ކުންފުނީގައި ގިނައިން މަސައްކަތް ކުރަނީ ދިވެހިންނެވެ.