ވިޔަފާރި

މަހާޖައްރާފު ފުރަތަމަ ހިއްކާނީ ކުޅުދުއްފުށީ އެއާޕޯޓް އަޅާ ބިން

  • މި މަސައްކަތުގެ އަގު 53.4 މިލިއަން ރުފިޔާ
  • ސަތޭހަ އަށްޑިހަ ދުވަހުން މަސައްކަތް ނިމޭނެ
  • ކޮންނަ ބޯޓު މިމަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް

އެމްޓީސީސީ އިން މުޅިން އަލަށް ގެންނަ ކޮންނަ ބޯޓް "މަހާޖައްރާފު" ން ފުރަތަމަ ކުރިއަށް ގެންދާނީ ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު "އަވަސް" އަށް މިއަދު ވިދާޅުވީ މިމަހުގެ ފަހުކޮޅު ކޮންނަ ބޯޓު ރާއްޖެ އަންނަ ގޮތަށް ސީދާ ދާނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އަދި އެ ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އަންނަ ގޮތަށް ސީދާ ދާނީ ކުޅުދުށްފުއްޓަށް. އެރަށުގައި އެއާޕޯޓު ތަރައްގީ ކުރާ ސަރަހައްދު ހިއްކަން،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުން އެ ކުންފުންޏަށް 53.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަޝްރޫއު 180 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޑްރެޖަރުން ހިންގާ ފުރަތަމަ މަސައްކަތް. މިއަށްފަހު ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ. މީގެ އިތުުރުން ވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީއާ މިދަނީ ވާހަކަ ދައްކަމުން،" ޒިއަތު ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

މި ބޯޓުން ރާއްޖެއިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ވެސް ވަނީ ރާވައިފަ އެވެ.