ވިޔަފާރި

"ހިއްސާދާރުންގެ ހިމާޔަތަށް އެމްޓީސީސީން ފިޔަވަޅު އަޅާފައިވޭ"

ހިއްސާދާރުންގެ ހައްގު ހިމާޔަތް ކުރަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން ނެރެފައިވާ ބަޔާނަކަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާމް ވިދާޅުވެފައިވަނީ އެމްޓީސީސީއަކީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މުހިންމު އެއް ކުންފުނި ކަމަށާއި، ކުންުފުނި ވުޖޫދަށް އައިއިރު ވެސް ޕަބްލިކް ކުންފުންޏެއްގެ ސިފަތަށް ހިމެނޭގޮތަށް އުފައްދާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ ރައިޓްސް އިޝޫ އަކީ ރައްޖޭގައި ވެސް މުޅިން އަލަށް ކުރާ ކަމެއް ކަމަށާ އެ ކަމަކީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކުރާ ކަމެއް ކަމަށެވެ.

އެމްޓީސީސީން ވަނީ ހިއްސާ ވިއްކަން ހަމަޖައްސާއި، ހިއްސާއެއް 62ރ. އަށް ވިއްކަން ނިންމާފަ އެވެ. އަދި ކުންފުނީގެ ރައުސްމާލުގެ ފަސް ޕަސެންޓަށް ވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން ކޮންމެ ހިއްސާދާރަކަށް ވެސް ހިއްސާ މިލްކު ކުރެވި ދާނެ އެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އާންމުންނަށް ރާއްޖޭގައި އެންމެ ފުރަތަމަ ހިއްސާ ވިއްކި ކުންފުންޏެވެ. އެމްޓީސީސީ އިން، 1984 ވަނަ އަހަރަށް ފަހު ދެވަނަ ފަހަރަށް ހިއްސާ ވިއްކުމަށް ފަހު މިހާރު ކުންފުނި ތައްޔާރު ވަމުން ދަނީ ރައިޓްސް އިޝޫއެއްގެ ދަށުން ކުންފުނީގެ ހިއްސާދާރުންނަށް އިތުރަށް ހިއްސާ ވިއްކާ ފުރަތަމަ ކުންފުންޏަށް ވުމަށެވެ.

ރައިޓްސް އިޝޫގެ ދަށުުން ހިއްސާ ގަނެވޭނީ 9 އޮކްޓޯބަރ 2017 ގެ 1600 ގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ހިއްސާދާރު އިހްތިޔާރުކުރާ ގޮތަކަށް އެ ހިއްސާދާރެއްގެ ހިއްސާ ގަތުމުގެ ހައްގު ދެވިފައިވާ އެހެން ފަރާތަކަށެވެ. ހިއްސާ ވިއްކުމަށް ކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ 19 އޮކްޓޯބަރ 2017 އިން ފެށިގެން ތިން ޑިސެމްބަރު 2017 ގެ ނިޔަލަށެވެ.