ތިންސަތޭކަ ދިހަ މިލިއަން ރުފިޔާ ހޯދުމުގެ ލަނޑުދަނޑިއަށް ވާސިލް ވުމަށް އެމްޓީސީސިން މުޅިރާއްޖޭގައި ހިއްސާ ވިއްކަން މިއަދު ފަށައިިފި އެވެ.
އެމްޓީސީސީއިން ހިއްސާ ވިއްކުން ރަސްމީކޮށް މާލޭގައި ކުރިއަށްދަނީ "އެމްޓީސީސީ ޓަވަރު" ގެ ތިންވަނަ ފަންގިފިލާގަ އެވެ.
"އެމްޓީސީސީ ރައިޓް އިޝޫ" ފެށުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ މަސައްކަތް މުޅިރާއްޖޭގައި ކުރިއަށްދާނެ ކަމަށާއި، އެގޮތުން ރާއްޖޭގެ ނުވަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.
އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ހިލްމީ ވިދާޅުވީ، އެ ކުންފުނިން ރައިޓް އިޝޫގެ މައިގަނޑު މަގުސަދަކީ މި މަހުގެ ފަހުކޮޅު ރާއްޖެ ގެންނަ މަހާޖައްރާފު [ކޮންނަ ބޯޓް] ގެ މަސައްކަތް ފެށެންވާއިރަށް، އެކަމަށް ބޭނުންވާ އިތުރު ފައިސާ ހޯދުން ކަމަށެވެ.
"މަހާ ޖައްރާފުގެ މަސައްކަތަށް ފުދޭވަރެއްގެ ބޮޑު އިންވެސްޓްމަންޓެއް ދޭ، ވަރަށް ބައިވަރު އިކްއިޕްމަންޓާއި ވޯކިން ކެޕިޓަލްވެސް ހޯދަން ޖެހޭ، މި ރައިޓް އިޝޫ މެދުވެރިކޮށް އާއްމު ރައްޔިތުންނާއި ސަރުކާރަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ލިބޭނެ،" ހިލްމީ ވިދާޅުވި އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހިލްމީ ވިދާޅުވީ ހިއްސާ ވިއްކައިގެން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"ހިއްސާ އެކަށަ އަޅާފައިވާ ފަރާތް ދުނިޔޭގައި ނެތުން، ނޫނީ އެ ހިއްސާ ވާރުތަވެރިންނަށް ބަދަލުކޮށްފަ ނެތުން ފަދަ މައްސަލަތައް ޕްރެކްޓިކަލީ ދަތިވެދާނެ،" ހިލްމީ ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންދަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ.
ސީއެފްއޯ، ހިލްމީ ވިދާޅުވީ ހަމައެކަނި ހިއްސާ ގަތުމުގެ ފުރުސަތު އޮތީ ކުންފުނީގެ ހިއްސާދާރުންނަށް އެކަނި ނޫން ކަމަށާއި، ހިއްސާދާރުން ނޫން ފަރާތްތަކަށް "ހިއްސާ ޓްރާންސްފާ ކުރުމުގެ އޮޕްޝަން" ވެސް އެބައޮތް ކަމަށެވެ. އަދި ހިއްސާ ވިއްކުމާއެކު ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް އަންނަ ބަދަލު އެނގޭނީ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު އޮންނާނެ. ހިއްސާއެއް އިން ކޮންމެ ފަރާތަކުން ވެސް ހުއްދަ ދީފިނަމަ އެ ފުރުސަތު ލިބޭނެ. އަޅުގަނޑުމެން އެންކަރޭޖް ކުރަން ހިއްސާ އޮތް ފަރާތްކުން ބޭނުން ނޫންނަމަ ހިއްސާދާރެއް ނޫންނަސް ހިއްސާ ގަންނަން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހިއްސާ އޮތް ފަރާތަކުން ހިއްސާ ގަންނަން ބޭނުންނަމަވެސް އެކަން އެންގުމަށް. އެހެންވެއްޖެނަމަ ހިއްސާ ގަންނަ ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ދެވޭނެ،" ހިލްމީ ވިދާޅުވި އެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު އޮންނާނެ. ހިއްސާއެއް އިން ކޮންމެ ފަރާތަކުން ވެސް ހުއްދަ ދީފިނަމަ އެ ފުރުސަތު ލިބޭނެ. އަޅުގަނޑުމެން އެންކަރޭޖް ކުރަން ހިއްސާ އޮތް ފަރާތްކުން ބޭނުން ނޫންނަމަ ހިއްސާދާރެއް ނޫންނަސް ހިއްސާ ގަންނަން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހިއްސާ އޮތް ފަރާތަކުން ހިއްސާ ގަންނަން ބޭނުންނަމަވެސް އެކަން އެންގުމަށް. އެހެންވެއްޖެނަމަ ހިއްސާ ގަންނަ ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ދެވޭނެއެމްޓީސީސީ ސީއެފްއޯ މުހައްމަދު ހިލްމީ
އެމްޓީސީސީގެ ރައިޓް އިޝޫގައި ހިއްސާ ގަތުމުގެ ފުރުސަތު މޯލްޑިވްސް ސެކިއުރީޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) އޮންލައިން ޕޯޓަލުންނާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ވެސް އޮންނާނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެސްޑީގެ ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ އެމްއެސްޑީގެ ހިދުމަތް ރަށު ކައުންސިލާއި ރަޖިސްޓްރީކޮށްފައިވާ ލޯޔަރުން މެދުވެރިކޮށް ހުށަހަޅައިގެން ވެސް ހިދުމަތް ހޯދޭނެ ކަމަށެވެ.
"މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ހަގީގަތުގައި. ބޭރުގައި ތިބޭ ރައްޔިތުންނަށް ވެސް ފުރުސަތު ލިބޭނެ. އަޅުގަނޑުމެން އެދެން ވީހާވެސް ގިނަ ބޭފުޅުން އެމްޓީސީސީގެ ހިއްސާ ގަންނަން،" އައުޝަން ވިދާޅުވި އެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދި ކުންފުންޏެކެވެ. ކުންފުނި އުފެއްދިއިރު، 250،000 ހިއްސާ ހިމެނެ އެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ދީފައިވަނީ 16ރ. އެވެ. ނަމަވެސް މިދިޔަ އަހަރު 24ރ. ދީފައިވެ އެވެ.