ފަރުބަދަތަކުން ފުރިފައިވާ ނޭޕާލަށް އިއްޔެ އަކީ ބިރުވެރި ދުވަހެވެ. އެ ގައުމަށް އިއްޔެ އައި ބާރުގަދަ ބިން ހެލުމާއެކު ވެރިރަށް ކަތަމަންޑޫ ވަނީ "ފުނޑުފުޑު" ވެފަ އެވެ. އެތައް ބަޔަކު މަރުވެފަ އެވެ. މި ބިރުވެރިކަމުގައި އެ ގައުމުގެ ރައްޔިތުން "ވާނުވާ ނޭނގި" ތިބިއިރު، ނޭޕާލްގައި ތިބި ދިވެހި ކިޔަވާ ކުދިން ވެސް ތިބީ ހަމަ އެ ހާލުގަ އެވެ. ބިރުވެރި ބިން ހެލުން ވެގެން ދިޔައީ، އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ބިރުން ފިއް ކެނޑިގެން ދިޔަ ހާދިސާ އަކަށެވެ.
"ކޮއްކޮ ބުނީ އެޕާޓްމަންޓް ގުޑަން ފެށުމުންނޭ ނުކުތީ. ފޯނު ވެސް އެއްލާލާފަ ކަމަށް ވަނީ ފުރަތަމަ ނުކުމެވުނީ. ނުކުތް ވަގުތު ބޯ ޖެހިގެން ފަޅައިގެން ވެސް ދިޔަ،" ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަން ހުރި ދިވެހި ކުއްޖެއްގެ އާއިލާގެ މެންބަރަކު "އަވަސް" އަށް ބުންޏެވެ.
ނޭޕާލަކީ ދިވެހި ގިނަ އަދަދެއްގެ ކުދިން މެޑިސިންގެ ދާއިރާއިން ކިޔަވަމުން އަންނަ ގައުމެކެވެ. ގިނ ކުދިން ކިޔަވަމުންދަނީ ވެރިރަށަ ކަތަމަންޑޫގަ އެވެ.
އެކޮޅުގައި ތިބި ބައެއް ކުދިންގެ އާއިލާތަކުން ބުނި ގޮތުގައި ބިން ހެލުމުގެ ސަބަބުން ނަފްސާނީ ގޮތުން ވަނީ ދިވެހި ކުދިންނަށް އަސަރު ކޮށްފަ އެވެ. ނަމަވެސް އެއްވެސް ދިވެހި ކުއްޖަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމެއް އަދިއެއް މިހާތަނަކަށް ނޭނގެ އެވެ. އަދި އެ ކުދިންގެ ފޯނަށް ގުޅުމުގައި ގިނަ ދަތިތަކާ ކުރިމަތިލަމުންދެ އެވެ.
"ރޭ ކޮއްކޮއާ ގުޅައިގެން ހުރިއިރު ވެސް ބުނި ލޮޅުންތައް އަންނަ ވާހަކަ. ގުޅައިގެން ހުރެގެން ހަމަ ރޮނީ. އަޅުގަނޑު ބުނިން ކެއްކުރާށޭ! ބޮޑެތި ކަންތައްތަކާ ޖެހޭނެ އޭ ކުރިމަތިލާން. ހިތްވަރު ކުރަން ޖެހޭނެ އޭ!" ނޭޕާލްގައި ކިޔަވަން ހުރި އެހެން އަންހެން ކުއްޖެއްގެ ދައްތައެއް ބުންޏެވެ.
އޭނަ ވެސް ބުނެފައި ވަނީ ދިވެހި އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބުނުކަން އެނގިފައި ނެތް ކަމަށެވެ.
"ރޭ ދިވެހި ބައެއް ކުދިން ނިދީ ފުޅުބޯޅަ ދަނޑެއްގައި. އެ ތަނުގައި ނިދަން ތިއްބަ ވާރޭ ވެސް ވެހުނު ކަމަށް ވެސް ބުނި،" އޭނާ ބުންޏެވެ.
އަންހެން ކޮއްކޮއާ ހަވާލާދީ އަންހެންމީހާ ބުނި ގޮތުގައި ޕާސްޕޯޓް ހިފައިގެން ތިބުމަށް ބުނާ މެސެޖެއް އެ ކޮޅުގައި ތިބި ކިޔަވާ ކުދިންގެ ފޯނަށް ވަނީ ލިބިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ފޮރިން މިނިސްޓްރީގެ މެސެޖެކެވެ.
ރެކްޓާ މިންގަނޑުން 7.9 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ނޭޕާލުން މަރުވި މީހުންގެ އަދަދު ވަނީ 2000 އަށް ވުރެ އިތުރުވެފަ އެވެ. އަދި ވެރިރަށް ކަތަމަންޑޫގެ ގިނަ އިމާރާތްތަކެއްގައި ރެނދުލައި ވަނީ ހަލާކުވެފައިވެ އެވެ.