ރިޕޯޓް

ހަރަދު ކުޑަ ނުވެ، އާމްދަނީ ނުހޯދި މިވީ ކިހިނެއް؟

މިއަހަރަށް، 2017 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓު ފެނުމުން ވަރަށް އުފާވި އެވެ. ސަބަބުތައް އިންތިހާއަށް ގިނަ އެވެ. އެއް ސަބަބަކީ ފަހުގެ ތާރީހުގައި ރިކަރަންޓް ހަރަދު އެންމެ ކުޑަ ބަޖެޓެއް ސަރުކާރުން ހުށަހެޅުމެވެ. ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ދެއްވި "2017 ބަޖެޓު ބަޔާނު" ގެ މައިގަނޑު ބޮޑު މަންޒަރަކަށްވީ ހަރަދު ކުޑަ ކުރުމެވެ. އަދި ބަޖެޓު ބޮޑު ކުރުމުގެ ބަދަލުގައި، ވިސްނަންވީ، ހަރަދު ކުޑަ ކުރުމަށް ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ. މީގެ ސަޅި މިސާލެއް ވެސް އެ ދުވަހު މިނިސްޓަރު ޖެއްސެވި އެވެ. އެއީ މި އަހަރުގެ ބަޖެޓަކީ 100ރ. ކަމަށްވާނަމަ، އަންނަ އަހަރު 120ރ. އަށް ވާކަށް ނުޖެހެ އެވެ. މީގެ ބަދަލުގައި އާމްދަނީ އިތުރު ކުރުން މުހިންމުކަން ފާހަގަ ކުރެއްވި އެވެ. ނަމަވެސް އަހަރު މެދު ޖެހުނުއިރު، ސަރުކާރުން މިވަނީ ކުރިން ދެއްކެވި، ވާހަކައާ ދެކޮޅަށް "ބޮޑު ފިޔަވަޅެއް" އަޅާފަ އެވެ. ފަހުގެ ތާރީހުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވީ އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމީ ސީދާ ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް ބުރޫއަރާފާނެ ފަދަ ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަންކަމަށްވާތީ، ބައެއް ހަރަދުތައް ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ،" ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރު ހިންގުމަށް މި އަހަރަށް ފާސްކޮށްފައިވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް މި ފައިސާ އިން މި އަހަރުގެ ހަރަދުތައް ވަނީ ނުފުއްދިފަ އެވެ. އެހެންވެ ސަރުކާރު ހިންގުމަށް އިތުރު ފައިސާ ބޭނުންވެގެން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ޖުމްލައަކީ 493 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހުށަހެޅި ސަޕްލިމެންޓްރީ މި ބަޖެޓާއެކު އިގްތިސާދީ، ދާއިރާގެ ބޭފުޅުންގެ ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ އިސް ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓުން އެނގިގެން ދިޔައީ، ހަރަދު ކުޑަ ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތައް ފެއިލްވި ކަމެވެ.

"ހަރަދު ކުޑަ ކުރަން ވަރަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން ކުރިން ވާހަކަދެއްކި، ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ގެނައުމުން އެނގުނީ 26 ބިލިއަން ރުފިޔާގެ ބަޖެޓުން ވެސް ނުވިކަން. މިއީ އެނގޭ ކަމަކީ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އިޝްރާފު ހަރަދާ ބެހޭ ގޮތުން "އަވަސް" ގެ ރިޕޯޓް

ސަޕްލިމެންޓްރީ ބަޖެޓުގެ ހަރަދު

* ބަޖެޓުގެ ޖުމްލަ 493 މިލިއަން ރުފިޔާ
* އިންޝުއަރެންސް އިތުރު ކުރަން 300 މިލިއަން ރުފިޔާ
* ސިއްހީ ދާއިރާގެ ވަސީލަތް ހޯދަން 30 މިލިއަން ރުފިޔާ
* ތެޔޮ ފަދަ ތަކެތި ހޯދަން 50 މިލިއަން ރުފިޔާ
* ރީޖަނަލް އެއާޕޯޓަށް 40 މިލިއަން ރުފިޔާ
* ސްކޫލް ޑިޖިޓަލް ކުރަން 47 މިލިއަން ރުފިޔާ

ސަޕްލިމެންޓްރީ ބަޖެޓަށް އާމްދަނީ

* ހޯދުމަށް ހުށަހަޅާ އާމްދަނީ 268 މިލިއަން ރުފިޔާ
* ރެވެނިއު ސްޓޭޕް ވިއްކައިގެން އަށް މިލިއަން ރުފިޔާ
* ޓެކުހުގެ ގާނޫނު އިސްލާހުކޮށްގެން 29 މިލިއަން ރުފިޔާ
* ތިން ފަރާތަކުން ލިބޭނެ ކަމަށް ބެލެވޭ 231 މިލިއަން ރުފިޔާ

އާމްދަނީ އިތުރު ނުވީ ކީއްވެ؟

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި މި އަހަރު އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން ކުރިން ލަފާ ކުރި އެވެ. ނަމަވެސް މިކަން ހާސިލްވާ ގޮތެއް ނުވި އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ އުންމީދީ ކުރި "އައި-ހެވަން" މަޝްރޫއު ހަގީގަތަކަށްވެފައި ނުވުމެވެ. އައި-ހެވަން މަޝްރޫއުން އެކަނި ވެސް 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މީގެ އިތުރުން އަނެއް މައްސަލައެއް ދިމާވީ އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ފަދަ ޓެކްސްތައް، ކުރިން ނަގަން ފެށޭނެ ކަމަށް ލަފާކުރި މުއްދަތު ފަހަނަ އަޅައި ދިއުމެވެ. މީގެ ސަބަބުން މި އަހަރު ލިބުނު އާމްދަނީއަށް އަސަރު ކުރި އެވެ.

މި އަހަރު އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުނުކަމަށް ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވަނީ އިއުތިރާފު ވެވަޑައިގެންފަ އެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ ހޯދުމަށް ހުށަހެޅި ކަންކަމުގެ ބޮޑުބައެއް މި އަހަރު ނުލިބޭނެ ކަމަށެވެ.

"އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންކަމުގެ ބޮޑުބައެއް ނުލިބޭނެތީ. އާމްދަނީ އިތުުރު ކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅިފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

2017 ބަޖެޓުގައި އަންދާޒާ އާމްދަނީ

* އެސްއީޒެޑުން 500 މިލިއަން ރުފިޔާ
* ބިންވެރިކޮށްގެން 500 މިލިއަން ރުފިޔާ
* ކޮންސެޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ

ހަރަދު ކުޑަކުރަން އެޅި ބައެއް ފިޔަވަޅު

މި އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށަހެޅި، ގިނަ ކަންކަން "ރިއަލައިޒް" ނުވާނެކަންކަން ޔަގީންވުމުން ހަރަދު ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އެޅި އެވެ. މިގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި

* ފަށާފައިވާ މަރާމާތުތަކުގެ މަސައްކަތްތަކާއި މަރާމާތު ކުރުމަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުތައް ފިޔަވައި އިތުރު މަސައްކަތް ނުކުރުން

* ހިދުމަތްތައް މެދުކެނޑިގެން ނުދިއުމަށްޓަކައި ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ "ކެޕިޓަލް ހޭދަތައް" ނޫން އެހެން ހޭދައެއް ނުކުރުން

* އޮފީސްތަކުގެ އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތް، އޮފީސްތައް 2.30 ގައި ބަންދު ކުރުން

* ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް ނޫނީ ބަޖެޓުން ހަރަދު ކޮށްގެން ނުކުރުން

އަންނަ އަހަރުގެ ލަފާ ކުރުން

މާލީ ވަޒީރު ބަޖެޓު ބަޔާން ހުށަހަޅުއްވަމުން، ވިދާޅުވީ މި އަހަރު ފެންނަނީ ރާއްޖޭގެ އިގްތިސާދށް ފަހި އަހަރެއްގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ދުވެލި 6.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުވޭ ކަމަށް ވިދާޅުވި އެވެ.

"މި އަހަރު އޮގަސްޓް މަހުގެ ނިޔަލަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 5.9 ޕަސެންޓް އިތުރުވެފަ. ހަމައެހެންވެ ފަތުރުވެރިން ހޭދަ ކުރި މުއްދަތު ވަނީ 8.8 ޕަސެންޓް އިތުރުވެފަ. އެހެންވެ ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ހަލުވިކަމާއެކު ކުރިއަށް. ހަމައެހެންވެ އިމާރާތް ކުރުމުގެ ސިނާއަތުގެ ދުވެލި ހަލުވިކަން ފާހަގަ ކުރެވޭ،" ވަޒީރު ވިދާޅުވި އެވެ.

ކޮންމެއަކަސް މިދިޔަ އަހަރެކޭ އެއްގޮތަށް، އަންނަ އަހަރަށްވެސް ކުރެވޭނީ އުންމީދެކެވެ. ނަމަވެސް އަހަރު ނިމެންދަނިކޮށް ހުށަހެޅި "ސަޕްލިމެންޓްރީ" ބަޖެޓާއެކު، ސުވާލުތަކެއް މިވަނީ އުފެދިފަ އެވެ. އެއީ ހަރަދު ކުޑަ ކުރެވުނު ހެއްޔެވެ؟ އާމްދަނީ އިތުރު ކުރެވިއްޖެ ހެއްޔެވެ؟