ހަބަރު

މަހާޖައްރާފު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ކުޅުދުއްފުށިން: ނާޒިމް ހަސަން
Oct 25, 2017
11

ރާއްޖޭގެ ތާރީހުގައި ދިވެހި ދައުލަތަށް ހޯދި އެންމެ ބޮޑު ކޮންނަ ބޯޓް، އެމްޓީސީސީގެ މަހާޖައްރާފު އުތުރުގެ މިރަށް، ހދ. ކުޅުދުއްފުއްޓަށް މިއަދު އައިސް ބަނދަރުޖަހައިފި އެވެ. ކޮންނަ ބޯޓް ބަނދަރުކޮށްފައި ވަނީ މިރަށުގެ ދެކުނު ބަނދަރު ބޭރުގަ އެވެ. މި ބިޔަ މަހާޖައްރާފު މިރަށް އައީ މިއަދު މެންދުރު ފަހު 3:00 ޖެހި އިރު އެވެ.

"މަހާޖައްރާފު" ރާއްޖެ ވަނުމަށް ފަހު މިރަށު ބަނދަރުގެ ބޭރަށް ނަގިލި ލާފައިވާއިރު އެ ކޮންނަ ބޯޓުން ފުރަތަމަ ހިއްކަނީ ވެސް މިރަށުގެ އެއާޕޯޓު އަޅާ ބޭނުން ކުރާނެ ބިމެވެ. މިއީ މަހާޖައްރާފުން ރާއްޖޭގައި ފުރަތަމަ ކުރާނެ މަސައްކަތް ވެސް މެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ބުނީ މަހާޖައްރާފު، ކޮންނަ ބޯޓު މިރަށަށް އައުމާއެކު މަސައްކަތް ފަށާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީއަށް 53.4 މިލިއަން ރުފިޔާ ލިބޭ ގޮތަށެވެ. މަޝްރޫއު 180 ދުވަހުން ނިންމާނެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގު މިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

މަހާޖައްރާފު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

މި ކޮންނަ ބޯޓް މިރަށަށް މިއަދު އައީ މި ކޮންނަ ބޯޓް ރާއްޖެ ގެނެވިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ވަރަށް ބޮޑަށް ފާޑު ކިޔާފައި ވަނިކޮށެވެ. މި ކޮންނަ ބޯޓަށް އެމްޓީސީސީން "މަހާޖައްރާފު" ކިޔާފައިވާއިރު ދިވެހި ދައުލަށް އެންމެ ފުރަތަމަ ހޯދި ކޮންނަ ބޯޓަށް އޭރު ދިން ނަމަކީ "މަހާޖައްރާފާ" އެވެ. އަރަބި ބަހުން ނަގާފައިވާ އެ ނަން ދެއްވީ ހުސައިން ސޮލާހުއްދީނެވެ.