ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުން ފްލައިޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެ އެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުން ރާއްޖެއަށް އަންނަ މީހުން ފްލައިޓުގައި 12 ގަޑިރުވަރު ހޭދަ ކުރެ އެވެ. އަދި ރާއްޖެ އަންނަ މަގުމަތީގައި އެތައް ގައުމެއްގައި ޖައްސަން ޖެހެ އެވެ. މިކަން ވެގެންދަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ކުރިމަތިވާ ބޮޑު އުނދަގުލަކަށެވެ. އަދި މިއީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ކުރިމަތިވާ ބޮޑު އެއް ގޮންޖެހުމެވެ. އެހެންކަމުން ރާއްޖެއަށް ސީދާ ފްލައިޓް އިތުރު ކުރުން މުހިންމުކަން ބޮޑު ކަމަށް މާހިރުން ދެކެވެ.
"އަސްލު ޓޫރިޒަމަށް އަންނާނެ އެންމެ ބޮޑު އެއް ކުރިއެރުން ޑައިރެކްޓް ފްލައިޓްތައް އިތުރު ކުރުން. މިކަމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ،" ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
ރާއްޖޭގައި 200 އެއްހާ ރިސޯޓު އޮތް އިރު، މި އަހަރު ވެސް އިތުރު އާ ރިސޯޓުތަކެއް ހުޅުވޭނެ އެވެ. އަދި މީގެ އިތުރުން ގެސްޓް ހައުސްގެ ވިޔަފާރި ވެސް ދަނީ "ފަތުއަޑު ކިޔާފައި" ފުޅާވަމުންނެވެ. ނަމަވެސް މި ކުރިއެރުމާ އެއް ވަރަކަށް ނުވަތަ ގާތް ކުރާ ވަރަށް ވެސް އާ އެއާލައިންތައް އިތުރުވަމުން ނުދިއުން މިއީ ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވާނެ ގެއްލުމެއް ކަމަށް ބައެއް މާހިރުންދެކެވެ އެވެ. މީގެ އެއް ސަބަބަކީ އަވަށްޓެރި ލަންކާ އަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަމުން ދިއުމެވެ. އަވަށްޓެރި ސްރީލަންކާއަށް ބަލާއިރު، މި އަހަރުގެ ތެރޭގައި އެ ގައުމަށް ދަތުރުފަށާނެ އާ އެއާލައިންތަކުގެ ތެރޭގައި "އޮމާން އެއާ" އާއި "ތައި ސްމައިލް އެއާލައިން" ހިމެނެ އެވެ. މި އެއާލައިންތައް އެ ގައުމަށް ގެނައުމުގެ ބޭނުމަކީ ލަންކާ ޓޫރިޒަމްގެ މެއިން ޓާގެޓަށް ވާސިލްވުމެވެ. އެ ގައުމުން ވަނީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް ވާސިލްވުމަށް ދަތުރު ފަށާފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިން ބުނެފައިވާ ގޮތުގައި ޔޫރަޕާއި ރަޝިޔާގެ ކުރީގެ ބައެއް ގައުމުތައް އަދި އެމެރިކާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރެވިދާނެ އެވެ. އަދި އެކަމަށް ޓާގެޓްކޮށްގެން އެމްއެމްޕީރާރުސީން ދަނީ މާކެޓިން ހަރަކާތްތަކެއް ހިންގަމުންނެވެ. ނިމިދިޔަ އަހަރުގެ ޓޫރިޒަމްގެ ތަފާސްހިސާބު ވެސް ދައްކަނީ މި މަގުންނެވެ. މި މާކެޓުތަކުން ދިރުން ލިބެމުންދެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ "އުންމީދީ މާކެޓު" ތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޗެޕް ރިޕަބްލިކް ފަދަ ގައުމުތަކުން 2013 ވަނަ އަހަރު 6640 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިދިޔަ 2014 ވަނަ އަހަރު 6450 ވަރަކަށް ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ބޮޑު ގެއްލުމަކާއި ކުރިމަތިވަމުން ދާ ރަޝިޔާ ޖުމްހޫރިއްޔާގެ ގައުމުތައް ހިމެނޭ ސަރަހައްދުން ލިބުނު ކުރިއެރުމެއް ކަމަށް ބެލެވިދާނެ އެވެ. މި ކުރިއެރުން އިތުރަށް ފުޅާކުރެވޭނީ އިތުރު ޑައިރެކްޓް ފްލައިޓްތަކެއް އެ ސަރަހައްދުން ބާއްވައިގެނެވެ.
ކުރިން ވާހަކަ ދެއްވި، މަޓާޓޯގެ ރައީސް އަބްދުﷲ ވިދާޅުވި ގޮތުގައި ފްރާންސް ފަދަ ގައުމަކުން ރާއްޖެއަށް ފްލައިޓެއް ބޭއްވިއްޖެނަމަ، އެކަން ވެގެންދާނީ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.
" ވަރަށް ގިނަ ދުވަސް ވެއްޖެ ސައުތު އެފްރިކާ އިން އެއާލައިންސެއް ގެނެވޭތޯ ބަލާތާވެސް. މީގެ ފަސް އަހަރު ކުރިން ގެނައިން މަކާއޯއިން އެއާލައި ނެއް. އެގޮތަށް ވަރަށް ގިނަ މީހުނާ ވާހަކަ ދައްކަމުން މިދަނީ،" ގިނަ އެއާލައިން ތަކެއްގެ އެޖެންޓުކަން ކުރަމުން ގެންދާ، އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ވިދާޅުވި އެވެ.
ތުރުކީ އަކީ ރާއްޖެއަށް ކުރިން އާ މާކެޓެކެވެ. ނަމަވެސް އެ ގައުމުގެ "ޓާކިޝް އެއާލައިން" ގެ ސީދާ ދަތުރުތައް 2012 ވަނަ އަހަރު ރާއްޖެއަށް ފެށުން ވެގެން ދިޔައީ ޓޫރިޒަމަށް އައި ބޫސްޓަކެވެ. މިކަމުގެ ސަބަބުން މެދުއިރުމައްޗާއި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މީގެ އަނެއް މިސާލަކީ ފްލައި ދުބާއީ އެވެ. ފްލައި ދުބާއީގެ ދަތުރުތައް ފެށުމާއިއެކު މެދު ފަންތިން އަންނަ ބަޖެޓު ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މަޝްހޫރު ކެތޭ ފެސިފިކްގެ ދަތުރުތައް 2013 ވަނަ އަހަރު ފެށުމާއިއެކު ޗައިނާ މާކެޓަށް ދިރުން ލިބުމެވެ. މީގެ އިތުރުން ރާއްޖޭގެ މެގަ މޯލްޑިވްސްއިން ޗައިނާއަށް ފެށި ސީދާ ދަތުރުތަކާއިއެކު، ފްލައިޓުން ޖާގަ ނުލިބިފައި ތިބި އެތައް ޗައިނާ ޓޫރިސްޓުންނަށް މިހާރު ވަނީ ޖާގަ ލިބިފަ އެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަން ޗައިނާގެ ތިން މަންޒިލަކަށް އިތުރު ކުރި ފްލައިޓްތަކާއެކު ޗައިނާއިން ވަނީ ބޮޑު ކުރިއެރުން ތަކެއް ލިބެން ފަށާފަ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި އާ މަންޒިލްތަކުން ސީދާ ފްލައިޓް ގެންނަން ޖެހޭ ކަމަށެވެ.
"ޓާކީއަށް އަހަރެން 2007 ވަނަ އަހަރު ދިޔައިރު ގިނަ ބަޔަކަށް ނޭނގެ ރާއްޖެއެއް. ނަމަވެސް މިދިޔަ އަހަރު ދިޔައިރު ގިނަ މީހުންނަށް އެނގޭ. އެއާލައިނެއް ފައްޓައިގެން ކުރާ މަސައްކަތުން ގިނަ ފައިދާތަކެއް ކުރާނީ. ހުރިހާ ކަރަންސީ އަށް ބަލާއިރު އެންމެ ވަރުގަދައީ ޔޫއެސް ޑޮލަރު. ޔޫއެސް މާކެޓަށް ބަލާއިރު މިއީވެސް ޕޮޓެންޝަލް ހުރި މާކެޓެއް. އެކަމަކު އެތަނުން ރާއްޖެއަށް އެއާލައިނެއް ނެތް. އެކަމަށް އެފަޓެއް ނުލެވޭ. ނަމަވެސް މިއީ މުހިންމު ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.
ފްލައިޓްތައް އިތުރު ކުރުމުގެ ވާހަކަ ދައްކާއިރު، ރާއްޖެއަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއާޕޯޓުގެ "ދަތިކަ" މެވެ. މިކަން އެނގެނީ އެންމެ ގިނައިން ފްލައިޓް ޖައްސާ ދުވަހަކު އެއާޕޯޓަށް ގޮސް ލުމުންނެވެ. އެއާޕޯޓުން އަންނަ މީހުންނަށް ހާއްސަ ގޭޓުގެ ދޮރުމަތީގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް މީހުން ތިބެން ވެސް ދަތިވެ އެވެ. މިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ އެއާޕޯޓުގެ އެކްސެޕްޝަން މަސައްކަތް ތަކެއް ފަށާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތް ނިންމައި، 2017ވަނަ އަހަރު އެއާޕޯޓު ހުޅުވޭނެ ކަމަށާއި، ނިމޭއިރު އާ ރަންވޭ އަކާއި ޓެކްސީވޭ އެއް އަދި މުޅިން އާ ޓާމިނަލްއެއް ހުންނާނެ ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ޓޫރިޒަމަށް އޮތް އެއް އުފާވެރި ހަބަރަކީ ޖަރުމަނުގެ މަޝްހޫރު "ލުފްތަންސާ" އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން ދިއުމެވެ. މި އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ ޔޫޔަޕުގެ ގިނަ ގައުމުތަކަށް ދަތުރުކުރާ މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ލުފްތަންސާ އެއާލައިނާއެކު ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަރަކާތްތަކެއް ރޭވުމަށް،" ޒިއަތު ވިދާޅުވި އެވެ.
ރާއްޖެއަށް ސީދާ ފްލައިޓް ބޭއްވުމަކީ ޓޫރިޒަމަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން މި ކަމަކީ އަމިއްޔަ ފަރާތްތަކާއި ސަރުކާރުން ވެސް އިސްކަން ދޭންޖެހޭ މުހިންމު ކަމެކެވެ.