ހަބަރު

ޖައްރާފަކީ ކާމިޔާބެއް، ފައިދާވާނެކަން ޔަގީން: ޒިޔަތު

ކުޅުދުއްފުށިން : ނާޒިމް ހަސަން
Oct 26, 2017

އެމްޓީސީސީގެ ކޯންނަ ބޯޓް، މަހާ ޖައްރާފު އިއްޔެ ހދ. ކުޅުދުއްފުށީގައި ބަނދަރުކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނީގެ ސީއީއޯ ޒިޔަތު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހުންނަވާ ޒިޔަތު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަހާ ޖައްރާފަކީ އެމްޓީސީސީގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. ކުންފުނީގެ އެސެޓަށް ބެލި ނަމަވެސް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާ ބޮޑު ޑްރަޖަރެއް އެމްޓީސީސީއަށް ގަނެ އޮޕަރޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ހުރީމައާއެކު އަޅުގަނޑުމެންނަށް މި ލޯނު ނެގުނީ، އެހެންވީމަ އެމްޓީސީސީގެ ތާރިހުގައި ލިބުނު އެންމެ ބޮޑު ކުރިއެރުން މިއީ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި މަހާ ޖައްރާފުގެ ފުރަތަމަ މަޝްރޫއު ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމުގެ ބައި ވަރަށް އަވަހަށް ފަށާނެ އެވެ. ބިން ހިއްކަން ނުފެށި ނަމަވެސް މިހާރު ވެސް އެމްޓީސީސީއިން ވަނީ މަޝްރޫއު ފަށާފަ އެވެ. އެގޮތުން ޝޯ ޕްރޮޓަކްޝަނަށް ބޭނުންވާ މެޝިނަރީތައް މީގެ ތިން ދުވަސް ކުރިން ކުޅުދުއްފުއްޓަށް ގެނެސްފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އިއްޔެ ވަނީ ހޮޅި ލައިންގެ ބައެއް ހޮޅިތައް ގެނެސްފަ އެވެ.

"ބިން ހިއްކުމާ ގުޅޭ ހުރިހާ ސާވޭއެއް ކޮށް ނިމިފަ ހުރީ، ދެން އަޅުގަނޑުމެން ބައެއް ހުއްދަތައް ހޯދަން މިހުރީ، އެވެސް އިރާދަކުރެއްވިއްޔާ މާދަމާގެ ތެރޭގައި ނިމިގެންދާނެ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ހިއްކަނީ ދެ ސަރަހައްދެކެވެ. އެއީ މޫދުން ސަރަހައްދަކާއި ކުޅީގެ ސަރަހައްދެކެވެ. ޖުމްލަ 15 ހެކްޓަރު ހިއްކާއިރު، އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިން ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، މޫދުން ނުގުޅި އެއްގަމުގައި ވަކިން އޮތް ކުޅިއެއް ހިއްކުމަކީ އެފަދަ އެހެން މަޝްރޫއުތަކާ އަޅާބަލާއިރު އުނދަގޫ މަޝްރޫއަކަށްވާނެ ކަމަށާއި މަހާ ޖައްރާފުގެ ފުރަތަމަ މަޝްރޫއުއަކީ ޗެލެންޖެއް ކަމަށެވެ. އެ މަޝްރޫއަށް 180 ދުވަސް ނަގާނެ އެވެ. އެއީ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަނާއެކު އެވެ.

ކުޅުދުއްފުށީ މަޝްރޫއުއަށްފަހު އޮތީ ށ. ފުނަދޫ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ މޫދުން 21 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެކަމަށް ބޭނުންވާ ބައެއް ސާމާނު ވެސް އެ ރަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

"ފުނަދޫއަށްފަހު ސަރުކާރާއެކީގައި ބައެއް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ އެބަ ކުރެވޭ، އެހެންވީމަ އަޅުގަނޑަށް ލަފާ ކުރެވެނީ 15 މަސް ދުވަހުގެ މަސައްކަތް ސަރުކާރުގެ ވެސް ހުންނާނެ ކަމަށް، ބައިވަރު މަޝްރޫއުތައް އެބަހުރި،،" ޒިޔަތު ވިދާޅުވި އެވެ.

އެހެންކަމުން މަހާ ޖައްރާފާ ގެނައުމަކީ ވަރަށް ފީސިބަލް ކަމަކަށް ވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެކަމުން ފައިދާވާނެ ކަމުގެ ޔަގީން އެބަ އޮތް ކަމަށެވެ. މަހާޖައްރާފު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

"ވަރަށް ބޮޑަށް ޔަގީން، 100 ޕަސެންޓް ޔަގީން މިއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަން، މަހާ ޖައްރާފު ގެނައުމަށް ނެގި ލޯނު ދެއްކޭނެ ކަމުގެ ޔަގީން ކަން ވެސް އެބަ އޮތް، އެ އަދި 10 އަހަރަށް ބަހާލައިފައި އޮތީމަ ނިސްބަތުން ބޮޑު އެއްޗެއް ދައްކަންޖެހޭނީ އެކަމަކު ހަމަ އީސިލީ އެ ދެއްކޭނެ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، އެމްޓީސީސީއަށް މިހާ ބޮޑު އެސެޓެއް ހޯދުނީ ރައީސް އަބްދުﷲ ޔާމީންގެ ދުރު ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.