ހަބަރު

ކުޅުދުއްފުށީގެ މޫދާއި ކުޅިން 15 ހެކްޓަރު ބިން ހިއްކާނެ

ކުޅުދުއްފުށިން : ނާޒިމް ހަސަން
Oct 26, 2017
4

މިރަށް، ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް މިރަށުގެ ކުޅިންނާއި އެ ސަރަހައްދު މޫދުން ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ. އެމްޓީސީސީން މިހެން ބުނެފައި ވަނީ ކުޅި ހިއްކުމާބެހޭ ގޮތުން ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތުވެފައި ވަނިކޮށް އެ މަސައްކަތް ފެށުމަށް މަހާޖައްރާފުވެސް މި ރަށަށް އައިސްފައި ވަނިކޮށެވެ.

މިރަށުގައި ހުންނަވައިގެން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަހާ ޖައްރާފުގެ ފުރަތަމަ މަޝްރޫއު ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމުގެ ބައި ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ބިން ހިއްކަން ނުފެށި ނަމަވެސް މިހާރު ވެސް އެމްޓީސީސީއިން ވަނީ މަޝްރޫއު އަމަލީ މަސައްކަތްތައް ފަށައިފަ އެވެ. އެގޮތުން ޝޯ ޕްރޮޓަކްޝަނަށް ބޭނުންވާ މެޝިނަރީތައް މީގެ ތިން ދުވަސް ކުރިން މި ރަށަށް ގެނެސްފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި ބިން ހިއްކަން ބޭނުން ކުރާ ހޮޅި ލައިންގެ ބައެއް ހޮޅިތައް މިހާރު ވަނީ މި ރަށަށް ގެނެސްފަ އެވެ.

"ބިން ހިއްކުމާ ގުޅޭ ހުރިހާ ސާވޭއެއް ކޮށް ނިމިފަ ހުރީ، ދެން އަޅުގަނޑުމެން ބައެއް ހުއްދަތައް ހޯދަން މިހުރީ، އެވެސް އިރާދަކުރެއްވިއްޔާ މާދަމާގެ ތެރޭގައި ނިމިގެންދާނެ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި މި ރަށުގައި އެއާޕޯޓް އެޅުމަށް ހިއްކަނީ ދެ ސަރަހައްދެކެވެ. އެއީ މޫދުން ސަރަހައްދަކާއި ކުޅީގެ ސަރަހައްދެކެވެ. ޖުމްލަ 15 ހެކްޓަރު ހިއްކާއިރު، އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިން ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، މޫދާ ނުގުޅި އެއްގަމުގައި ވަކިން އޮތް ކުޅިއެއް ހިއްކުމަކީ އެފަދަ އެހެން މަޝްރޫއުތަކާ އަޅާބަލާއިރު އުނދަގޫ މަޝްރޫއަކަށްވާނެ ކަމަށާއި މަހާ ޖައްރާފުގެ ފުރަތަމަ މަޝްރޫއުއަކީ ޗެލެންޖެއް ކަމަށެވެ. އެ މަޝްރޫއަށް 180 ދުވަސް ނަގާނެ އެވެ. އެއީ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަނާއެކު އެވެ.

ކުޅުދުއްފުށީ މަޝްރޫއުއަށްފަހު އޮތީ ށ. ފުނަދޫ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ މޫދުން 21 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެކަމަށް ބޭނުންވާ ބައެއް ސާމާނު ވެސް އެ ރަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.