ވިޔަފާރި

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ފޮނުވާ ބަޖެޓު މިއަދު ރައްޔިތުން މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ބަޖެޓު ހުށަހަޅާއިރު، މި ހިނގާ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 26.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މި އަހަރު ސަރުކާރުން ވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހަޅައި، ފާސްކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވުނު 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ ހިލޭ އެހީގެ ލިބޭނެ ކަމަށް އަންދާޒާ ކުރި 878 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ބަޖެޓުގެ ދަރަނީގެ ގޮތުގައި ހިމަނާފައިވަނީ 303.7 މިލިއަން ރުފިޔާގަ އެވެ.