ހަބަރު

"އިލްމްވެރިން ކަންތައް ކުރާނެ ގޮތެއް ޖާހިލުންނަކަށް ނޭނގޭނެ"

ރާއްޖޭގެ ދީނީ އިލްމްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތުތަކެއް ރޭ ރައީސް އަބްދުﷲ ޔާމީން ކުރެއްވުމާ ގުޅިގެން ބައެއް އިލްމްވެރިން އެކަމާ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވަރަށް އިލްމުވެރި ބޭބޭފުޅުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަަވަން އަސަރުގަދަ ތަގުރީރުތައް ކުރެއްވި ކަމަށެވެ.

" ... އޭރު އެންމެ ވަރުގަދަޔަށް ގޮވަމުން ދިޔަ ގޮވެއްޔަކީ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އޮތް ބަޔަކަށް ވާތީ، އެމީހުންގެ އެންމެ ހިމަ ނާރުތަކުގައި ޖަހާ ވިންދާ (ބައެއް ޝޭހުން) މި ކުޅެލީ. އެހެންވީމާ މިދެންނެވި ކަހަލަ ޝޭހުންވެސް ހަމަ ކޮށްފައި ނުކުރާނެ ވަކި ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރަން ނަޝީދު ވެރިކަމަށް އިންތިހާބުކުރަން އިލްމުވެރިން ގޮވަމުން ދިޔައީ އެއީ ކޮންކަހަލަ ބޭފުޅެއްކަން އެނގިވަޑައިގެން ތިއްބަވައިގެން ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒު ވިދާޅުވެފައިވަނީ، އިލްމްވެރިން ކަންތައްތައް ކުރައްވާނެ ގޮތް އެނގޭނީ އިލްމްވެރިންނަށް ކަމަށެވެ. ޖާހިލުންނަށް ނޫން ކަމަށެވެ. އިސްލާމް ދީނަށާއި އިލްމްވެރިންނަށް ފާޑުކިޔައި ފުރައްސާރަ ކުރުމަކީ އާ ކަމެއް ނޫން ކަމަށް ވެސް އަލީ ރަމީޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝެއިހް ހަސަން މޫސާ ފިކުރީ ވެސް ވަނީ ނުސީދާ ގޮތެއްގައި އެކަމަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވެފައިވަނީ މީހަކަށް އޭނާގެ ދޫ ފިޔަވައި އަދާވާތްތެރިއަކު ނުވާ ކަމަށެވެ.