ރިޕޯޓް

އައްޑޫ އިން އިންޑިއާ ހިމާޔަތް ހޯދަނީތަ؟

މި ވާހަކަ އެކި ގޮތްގޮތަށް އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު ކަމުގެ ބޮޑުކަމާއި ސީރިއަސްކަމުން މިކަމާ ބެހޭ ގޮތުން އަކުރެއް އަޅާލަން ނުކެރިފައި ހުރުމަށް ފަހު އިތުރު މައުލޫމާތާއި އިތުރު މަންޒަރުތަކާ އެކު ކޮންމެވެސް ވާހަކައެއް ދައްކާލެވޭ ވަރުވެއްޖެ ކަމަށް ހީވާތީ ހުލާސާއެއް ކޮށްލާނަމެެވެ.

"ދެކުނު މަހާސިންތާ" އިން ފަށާނަމެވެ. މައިގަނޑު ގޮތެއްގައި، އިގްތިސާދީ ގޮތުން ކައުންސިލްތަކަށް ބާރުވެރިވެރިކަން ހޯދުމާބެހޭ ގޮތުން މަޝްވަރާކޮށް "ތޫނޑު އެއްބަސްވުން" ގެ ނަމުގައި އެއްބަސްވުމެއް ވެސް ގާއިމުކުރި އެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ޏ އަދި ސ އަތޮޅުގެ ކައުންސިލްތަކުގެ މެދުގަ އެވެ. މި މަޝްވަރާތައް 2014 ވަނަ އަހަރު ފެށުމާ އެކު އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން އަމިއްލަ ވެރިކަމެއްގެ ސިފަ ޖެއްސުމަށް ދެކުނުގެ އަތޮޅުތަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ބަޔަކު ސިފަކުރި އެވެ. ދެކުނުގެ އަތޮޅުތައް ހިމެނޭ ގޮތަށް ވަކި "ސުވާދީބު" ގެ ނަމުގައި ދައުލަތެއް އުފެއްދުމަށް ކުރި ފަދަ ބަޣާވާތެއްގެ ރޫހު ހިމެނޭ ކަމެއްގެ ގޮތުގައި ވެސް ސިފަކުރި އެވެ. އެކަމަކު މަޑުމަޑުން ދިޔައީ މަންޒަރު ބަދަލުވަމުންނެވެ. މިހާ ހިސާބުން އެހެން ކަމެއް ފާހަގަކޮށްލާނަމެވެ. މި މަހާސިންތާގެ ވާހަކަ ތިލަވުމުގެ ކުރިން، އޭގެ ދުވަސްކޮޅެއް ކުރިން އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި ސަފީރު ރަޖީވް ޝަހާރޭ އައްޑުއަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވި އެވެ. އެއީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ކައުންސިލްތަކަށް ބާރުވެރިކަން ހޯދުމަށް ބޭއްވި މަހާސިންތާގެ ނަތީޖާއެއް ބޭރަށް މާބޮޑަށް ފެންނަން ނެތް ނަމަވެސް އައްޑޫ ގެސްޓްހައުސް ވެންޗާއެއްގެ ވާހަކަ ދެން އިވެން ފެށި އެވެ. އައްޑޫ ސިޓީ ކައުންސިލުން ހިންގާ މި މަޝްރޫއުގެ މައްސަލާގައި އެ ކައުންސިލާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންތައް ވެސް އުފެދުނެވެ. އެއީ ސަރުކާރުން ހިންގާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއެއް ވެސް އޮތުމާ އެކު ސިޔާސަތުގެ ފުށުއެރުމަކާ ހެދި އެވެ. އޭރު ތުންތުންމަތިން ދެކެވުނު ވާހަކަތަކުގައި ބުނަނީ ގެސްޓް ހައުސް ވެންޗާގެ ފަހަތުގައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަަނަލް އެއާޕޯޓު ހިންގަން ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި އިންޑިއާގެ ޖީއެެމްއާރު ކަމަށާއި ސަރުކާރުން ނުރުހިގެން އުޅެނީ އެހެންވެ ކަމަށެވެ. އެކަމަކު މިއީ ހަގީގަތެއް ކަމެެއް ނޭނގެ އެވެ. ނަމަވެސް މިގޮތަށް ޝައްކުކުރާ މީހުންގެ ވާހަކަތަކަށް ބާރު ލިބުނީ ގެސްޓް ހައުސް ވެންޗާ އަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފުރަަތަމަ ވެސް ސޮއިކުރީ އިންޑިއާގެ ކުންފުންޏަކާ އެކުގައި ކަމަށް ވުމުންނެވެ.

ސްޓްރެޓެޖިކަލް ގޮތުން މުހިންމު ހިސާބެއްގައި އޮތް އައްޑޫ އަކީ ދުނިޔޭގެ ބާރުތަކުގެ އަސްކަރީ މަގާމަކަށް ހަދަން އަބަދުވެސް ތިބެނީ ބަލަބަލަ އެވެ. އެ ތަން ދޫނުކުރަން އިނގިރޭސިން ވެސް އެހާ ގަދަ ދެއްކީ އެހެންވެ އެވެ. އެހެންވެ އައްޑޫއާ ހެދި ބަޔަކު މޮޔަވަގެން އުޅޭނެހޭ، އެތަން ހޯދަން ބަޔަކު ހީލަތްތެރި ރޭވުމެއް ރާވަފާނެތޯ އެއީ ސުވާލެއް ނޫނެވެ. ގައުމެއްގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އިސްވުމުން އެހެން ގައުމަކަށް މާ ހެޔޮ އެދޭނެ ކަމަށް ގަބޫލުކުރުމަކީ ދުނިޔެ ދައްކާ ދީފައިވާ މިސާލުތަކަށް ބަލާއިރު ހެޔޮވާނެ ކަމެއް ނޫނެވެ.

ދެކުނު މަހާސިންތާއެއްގެ ވާހަކައާ އެކު "ޔުނައިޓެޑް ސުވާދީބް އައިލެންޑްސް"ގެ ދިދަ އައްޑޫގެ ގެއެއްގައި ނެގި މައްސަލައަކާއި ދެކުނު އެހެން ރަށެއްގައި ވެސް އެ ދިދަ ނެގި މައްސަލައެއް ޖެހުނެވެ. އެކަމަކު މީޑިއާ އަށް މިކަން އެހާ ބޮޑަށް ތިލައެއް ނުވެ އެވެ. މި ހުރިހާ ކަމެއް ވެސް ހިނގަމުން ދިޔައީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ވަނިކޮށެވެ. އަވަށްޓެރި އިންޑިއާއާ ވެސް އޮތީ މައްސަލަ ޖެހި މޫނު ކެނޑިފަ އެވެ. ރާއްޖެ ޗައިނާއާ ގާތްވަމުން ދާތީ އިންޑިއާ އޮތީ ދަތް ބާރުވެފަ އެވެ. ބިޔަ މަޝްރޫއުތަކުގައި ޗައިނާގެ އެހީ ހިފެހެއްޓުމެއް ނެތި ރާއްޖެ އަށް ދޭނެ ކަމުގެ ވާހަކަތަކާ އެކު އިންޑިއާ އިން ވިސްނަމުން ދިޔައީ އަދި މިހާރުވެސް ވިސްނަމުން ދަނީ ރާއްޖެ އިން އިންޑިއާގެ ނުފޫޒު ކުޑަ ނުވެ ހިފެހެއްޓޭނެ ގޮތަކަށެވެ. ޗައިނާގެ ފައި ހަރުކޮށްލެވޭނެ ތަންކޮޅެއް ރާއްޖެ އިން ހޯދޭތޯ ބަަލަމުން ދާއިރު އިންޑިއާގެ ހާސްކަން ބޮޑުވީ ދިވެހި ސަރުކާރާ އެކު ކުރިން އޮތް ގުޅުން ނެތުމުންނެވެ. އެހެންވެ އިންޑިއާ އަށް ޖެހިފައި އޮތީ އެހެން އުކުޅެއް ހޯދުމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިންގަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް އިންޑިއާ ކުންފުނިތަކުގެ ޝައުގުވެރިކަން ފާޅުކުރާ ވާހަކަ އިވެން ފެށި އެވެ. މިކަމުގައި ފާހަގަކޮށްލަން ޖެހެނީ ކައުންސިލާއި ސަރުކާރާ ހިޔާލު ތަފާތުވާ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ ކުންފުނިތަކުގެ ޝާމިލުވުން އިތުރެވެ. އައްޑޫގައި ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުން ސަރުކާރުން ލަސްކުރާ ކަމަށް ބުނެ ކައުންސިލުން ޝަކުވާކުރުން އިތުރުވެފައި ވަނިކޮށް އެންމެ ފަހުން މިހާރު ވަނީ އިންޑިއާ ހައި ކޮމިޝަނުގެ ވަފުދެއް އައްޑޫއަށް ގޮސް ހޮސްޕިޓަލެއް ހަދިޔާކުރުުމުގެ ވާހަކަ ވެސް ދައްކައިފަ އެވެ. އިންޑިއާ އަސްކަރިއްޔާގެ މަަނަވަރު "ސަންގްރާމް" އިންޑިއާގެ ޑިޕްލޮމޭޓުންނާ އެކު މިދިޔަ މާޗް މަހު އައްޑު އަށް ގޮސް އެ މަނަވަރުގައި ބޭއްވި ހަފުލާއެއްގައި ބުނެފައި ވަނީ އިންޑިއާ އިން އައްޑޫގައި ހޮސްޕިޓަލެއް އަޅައިދޭން ތައްޔާރު ކަމަށެވެ. އެކަން ނުވެގެން މި އުޅެނީ ވެސް ދިވެހި ސަރުކާރާ ހެދިއޭ ބުނާ ފަދަ ގޮތަށް ޑިޕްލޮމޭޓަކު ވިދާޅުވީ މަޑުކޮށްލައިގެން މި ތިބީ ހެލްތު މިނިސްޓްރީގެ ފެހި ސިގްނަލަށް ކަމަށެވެ.

މި ވާހަކަ ދެކެވިފައި ވަނީ ވެސް އިންޑިއާއާ އައްޑޫއާ ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަކާ ގުޅޭ ހަފުލާއެއްގަ އެވެ. އެއީ އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައި އޮންނަ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދަން، އެ ހެލިކޮޕްޓަރު ގެންދިއުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެކެވެ. މީގެ ކުރިން ވެސް އެ ހެލިކޮޕްޓަރު މަރާމާތަށް ގެންދިޔަ އެވެ. އެއީ އެހާ ބޮޑު ކަަމަކަށް ހަދައިގެން ރަސްމިއްޔާތެއް ބޭއްވިކަމެއް ނޭނގެ އެވެ. މި ހެލިކޮޕްޓަރާ އެކު އިންޑިއާ އިން ފޮނުވި ބޮޑު ޓީމެއް ފުރަތަމަ ދުވަހުން ފެށިގެން އަދިވެސް ތިބެނީ އައްޑޫގަ އެވެ. ފާޑެއްގެ އަސްކަރީ ބޭހެކެވެ.

މުޅި މަންޒަރަށް ބަލާއިރު ފެންނަނީ އައްޑޫގެ އިގްތިސާދީ ފުދުންތެރިކަމުގެ މުހިންމު ބައިވެރިޔަކަށް އިންޑިއާ ވުމަށް މަސައްކަތްކުރާ ތަނެވެ. އެންމެން އެދޭ ސިއްހީ ހިދުމަތާ އެކު އައްޑޫގެ ރުުހުން ހޯދަން ވެސް މަސައްކަތް ފެށީ އެވެ. އަސްކަރީ ގޮތުން ވެސް ފައި ވިއްދާލުމަށް ވަނީ ބާރުލައިފަ އެވެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ފައި ޖައްސާލަން ތަންކޮޅެއް ނުލިބުނަސް އައްޑޫ އިން ހިޔާވަހިކަމެއް ލިބޭތޯ އިންޑިއާ އިން ބޮޑު ޕްލޭނެއް ހިންގަނީއެއް ނޫންބާވައެވެ؟