ކުޅިވަރު

މައިޒާން އަލިބެ އަށް އައިއޭއޭއެފް އެވޯޑު ލިބުން ފާހަގަކޮށްފި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މައިޒާން އަލިމަނިކު (މައިޒާން އަލިބެ)އަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް)ގެ އެވޯޑު ލިބުން ދިރާގުން ފާހަގަ ކޮށްފި އެވެ.

ދިރާގުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މައިޒާން އަލިބެ ވިދާޅުވީ ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެތުލެޓިކްސް އަށް ހިދުމަތް ކުރާ ކުންފުންޏެއް ކަމަށެވެ.

"ރާއްޖޭގެ އެތުލެޓިކްސްއަށް އެންމެ ބޮޑު އެހީއެއް ކުރިން ވެސް ދީފައިވަނީ ދިރާގު، އެންމެ ފުރަތަމަ ދިރާގުން ދިނީ ތިން ޓޯކީ، އެވެސް ވީ އެ ދުވަސް ވަރަށް މުހިންމު އެއްޗަކަށް،" އަލިބެ ވިދާޅުވި އެވެ.

މައިޒާން އަލިބެ، ރާއްޖޭގެ އެތްލެޓިކްސްއަށް ހިދުމަތް ކުރަން ފައްޓަވާފައިވަނީ 1986 ވަނަ އަހަރުން ފެށިގެންނެވެ.

އަލިބެ ވިދާޅުވި ގޮތުގައި އައިއޭއޭއެފް އިން ދިން "ވެޓަރަން ޕިން" އެވޯޑު ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މި ފަދަ އެވޯޑެއް ލިބުމަކީ ރާއްޖެ އަށް ވެސް ލިބިގެން ދިޔަ ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މި ހަފުލާގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މައިޒާން އަލިބެއަކީ ދިރާގާ އަބަދުވެސް ވަރަށް ގާތުން މަސައްކަތް ކުރާ ބޭފުޅެއް ކަމަށެވެ.

"ދިރާގު ރޯޑްރޭސް ބާއްވަން މަސައްކަތް ކުރިއިރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ އެއް ފަރާތަކަށް ވާނެ އަލިބެ، މިކަމުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ހުރިހާ މެންބަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ،" އިސްމާއިލް ވިދާޅުވި އެވެ.

މައިޒާން އަލިބެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް ހުރިއިރު ރާއްޖޭ ވަނީ މި ކުޅިވަރުން ބޮޑެތި ކުރިއެރުން ތަކެއް ހޯދައިދީފަ އެވެ.