އާ ބަޖެޓަކީ އާ އުންމީދެކެވެ. ރައްޔިތުންނަށް އޮތް އާ ފުރުސަތު ތަކެކެވެ. ތަނަ ވަސްކަމުގެ އާ މަގަކެވެ. ކުރުކޮށް ބުނާނަމަ ކުރިއަށް ލަފާކޮށް ކޮންމެ އަހަރަކު ނެރޭ ބަޖެޓަކީ ބޮޑު ވެގެންވާ އުފަލެކެވެ. އެކަމަކު، ރާއްޖޭގެ ބަޖެޓުން ވަރަށް ބިރުވެރި މަންޒަރެއް އެބަ ފެނެ އެވެ. އެ މަންޒަރަކީ ކޮބައި ހެއްޔެވެ؟ .
ހަމަ ގައިމު ވެސް އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑަށް ފެންނަނީ ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމެވެ. ދަރަނި ބޮޑުވަނީ އެވެ. މިއީ އިގްތިސޯދީ މާހިރުންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ވެސް އެންމެ ކަންބޮޑުވާނެ އެއް މައްސަލައެވެ. ބަޖެޓުން ފެންނަ އެންމެ ބިރުވެރި މަންޒަރަކީ މިއީ އެވެ.
"އުމްރާނީ ތަރައްގީ އަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމު،" އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދާދިފަހުން ރާއްޖެ އަށް ޒިޔާރަތް ކުރެއްވި ވަފުދުގެ ވެރިޔާ ފިލިޕް ކަރަމްގެ ވެސް ކަންބޮޑުވުމަކީ މި އެވެ.
އަންނަ އަހަރުގެ ބަޖެޓު ފޮތުގެ ކަނޑުތަށް އުކާލާއިރު، އެންމެ ފާހަގަ ކުރެވެނީ މި މައްސަލަ އެވެ. ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލާއިރު، 2016 ވަނަ އަހަރު ޖުމްލަ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭގައި ހިމެނޭ އެތެރޭގެ ދަރަނީގެ މިންވަރަކީ 26.4 ބިލިއަން ރުފިޔާ އެވެ. އަދި ބޭރު ދަރަނި ހުރީ 11.7 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މި އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 43.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަަރަނީގެ ގޮތުގައި ހުރި 26 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަަރަނީގެ ގޮތުގައި ހުރި 17 ބިލިއަން ރުފިޔާ އެވެ.
އުމްރާނީ ތަރައްގީ އަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމުއައިއެމްއެފުން ރާއްޖެއަށް ވަޑައިގަތް ވަފުދުގެ އިސްވެރިޔާ، ފިލިޕް ކަރަމް
ދެން އޮތީ އަންނަ އަހަރު ރާއްޖޭގެ ދަރަނި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރެވެ. އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި، 49 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ބޭރުގެ ދަރަނި 27.3 ބިލިއަން ރުފިޔާ އަށް އަރާއިރު، އެތެރޭގެ ދަރަނި 21.7 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ޖުމްލަ ދަރަނި ކުރުކޮށް:
* 2016 ވަނަ އަހަރު ޖުމްލަ ދަރަނި 38 ބިލިއަން
* 2017 ވަނަ އަހަރު ޖުމްލަ ދަރަނި 43 ބިލިއަން
* 2018 ވަނަ އަހަރު ޖުމްލަ ދަރަނި 49 ބިލިއަން
މިއީ ދުނިޔޭގެ މާލީ އިދާރާތަކުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެވެ.
އައިއެމްއެފް ވަދުދުގައި ހިމެނިވަޑައިގަތް، ކަރަމް ވިދާޅުވެފައިވާ ގޮތުގައި މަޝްރޫއުތަކުގެ ސަބަބުން އެތެރެ އާއި ބޭރުގެ ދަރަނި އިންތިހާ އަށް ބޮޑުވެ، އެކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
"ކުރިމަގަށް ލަފާ ކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ރިސްކްތަކެއް އެބަހުރި. މިގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދުތައް ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސްދާނެ. އަދި މީގެ ސަބަބުން އެކްސްޓަނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތް،" ކަރަމް ވިދާޅުވި އެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރެއްވި، އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއެކު ގައުމު އިތުރަށް ދަރަނިވެރިވުމަކީ ކަންބޮޑުވުމެކެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފަދަ މަޝްރޫއުތައް ނިންމަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެއާޕޯޓް އެބަ ހަދަން ޖެހޭ. އެކަމަކު މިކަމަށްވެސް ނަގާ ލޯނުތައް މަދު ކުރުން މުހިންމު. ނޫނީ ލޯނު ނަގާއިރު ވެސް އެންމެ ރަނގަޅު ވަގުތު ނެގުން މުހިންމީ. ސަރުކާރުން ލޯނު ނަގާ ގޮތެއް ޕަބްލިކްއަކަށް ނޭނގެ. މިކަން ވެސް ކުރަންވާނީ ޓްރާންސްޕޭރެންޓްކޮށް. އޭރުން އެ ކަންބޮޑުވުމެއް ނޯންނާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ދަރަނި ދައްކާގެ ގޮތް
* 2016 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ
* 2017 ވަނަ އަހަރު 5.5 ބިލިއަން ރުފިޔާ
* 2018 ވަނަ އަހަރު 3.6 ބިލިއަން ރުފިޔާ
މި ކަންބޮޑުވުން މިގޮތުގައި ހުރިއިރު، ފިނޭންސް މިނިސްޓްރީން ވަނީ ދަރަނި ދައްކާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލާފަ އެވެ. ބަޖެޓު ގޮތުގައިވާ ގޮތުން، 2016 ވަނަ އަހަރު ދަރަނި ދައްކަން 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރު 5.5 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އަންނަ އަހަރު 3.6 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ދަރަނި ބޮޑުވުމަކީ ބޮޑު މައްސަލަ އެކެވެ. ކޮންމެ އަކަސް އަންނަ އަހަރުގެ ބަޖެޓުންވެސް ފެންނަނީ ހަމަ މި މަންޒަރެވެ. އަހަރުން އަހަރަށް ދަރަނި މަތިވުމަކީ ބަޖެޓުން ފެންނަ އެންމެ ބިރުވެރި މަންޒަރެވެ.