ރިޕޯޓް

2018 ގެ ބަޖެޓާއެކު އިގްތިސާދުން ފެންނާނެ ހަތް ކަންތައް!

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފަ އެވެ. މި ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ، 24.9 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބަޖެޓްގެ ދަރަނި ވެސް 2.5 ބިލިއަން ރުފިޔާ އަށް (ޖީޑީޕީގެ ނިސްބަތުން 3.8 ޕަސެންޓް) އެވެ.

އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދުގެ ޖުމްލައަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ. މި ބަޖެޓާއެކު ދެން އުފެދޭ ސުވާލަކީ އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ އެންމެ މުހިންމު ކަންތައް ތަކަކީ ކޮބައި ހެއްޔެ؟ ތިރީގައި އެވަނީ އަންނަ އަހަރުގެ ބަޖެޓާއެކު އިގްތިސާދުން ފެންނާނެ ހަތް ކަންތަކެވެ.

1- ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުވުން

އަންނަ އަހަރުގެ ބަޖެޓާއެކު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފެންނާނީ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމެވެ. މިގޮތުން ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ މިއީ އެންމެ މުސާރަ ކުޑަ އެއް ދާއިރާ އެވެ. އަދި ނިސްބަތުން މުސާރައިގެ ބޮޑު ފަރަގެއް ވެސް އޮވެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އާދައިގެ މީހަކަށް މަހަކު ގެއަށް ގެންދަން 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފުރިހަމަކޮށްފައި ތިބޭ މުވައްޒަފުންނަށެވެ. މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ވަނީ 234 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި ސަރުކާރު މުވައްޒަފުންގެ ތެރެއިން އެންމެ ދަށުން، މުސާރަ ލިބޭ މީހުންގެ މުސާރަ 37 ޕަސެންޓް ބޮޑުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސިވިލް ސާވިސްގެ އެންމެ އާދިގެ މުސާރަ ލިބޭ މުވައްޒަފަކު ބޭސިކް މުސާރައަކީ ގާތްގަނޑަކަށް 3100ރ. އެވެ. މިވަރު ބަލާނަމަ މުސާރަ ބޮޑު ކުރުމުގެ އެވްރެޖު ގޮތެއްގައި 1،147ރ. އާއި 1،850ރ. ވަރު މުސާރަ އަށް އިތުރުވާނެ އެވެ. މިއީ ބަޖެޓާއެކު އަންނާނެ އެންމެ ބޮޑު އެއް ބަދަލަށްވާނެ އެވެ.

2- ބައެއް ހިދުމަތްތަކުގެ އަގު ހެޔޮ ކުރުން

ކަރަންޓާއި ކާޑުގެ ސަބްސިޑީއަށް 276 މިލިއަން ރުފިޔާ އަންނަ އަހަރަށް ހިމަނާފައިވެ އެވެ. ކަރަންޓު އަގުހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 200 މިލިއަން ރުފިޔާ، ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 50 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ފެނުގެ އަގު ވެސް ހެޔޮ ކުރާނެ އެވެ.

އަންނަ އަހަރު މާލެއެކޭ އެއްގޮތަށް، ރަށްރަށުގައިވެސް ބޯފެނުގެ އަގު އެއްވަރެއްގައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަން އިއުލާނުކޮށްދެއްވީ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އެވެ. މި ބަދަލާއެކު ކޮންމެ ދިހަ ގެއަކުން ނުވަ ގެ އަކުން އަގު ހެޔޮވާނެ އެވެ. އެއީ ބޭނުކުރާ ނިސްބަތުން ބަލާނަމަ 57 ޕަސެންޓާއި 92 ޕަސެންޓެވެ. އަދި އަނެއް އަށް ޕަސެންޓް މީހުންނަށް ވެސް ފެނު އަގު 10 ޕަސެންޓާއި 22 ޕަސެންޓާ ދޭތެރޭ ހެޔޮވާނެ އެވެ.

3- ބިޔަ ވިހި ފަޅު ހިއްކުން

މިހާރު ވެސް ސަރުކާރުން ދަނީ ރާއްޖޭގެ ގިނަ ފަޅުތަކެއް ހިއްކަމުންނެވެ. މިގޮތުން އަންނަ އަހަރު ވިޔަފާރީގެ ބޭނުމަށް ބޮޑު 20 ފަޅު ހިއްކަން 107 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މި މަޝްރޫއުގެ ދަށުން، ހިއްކާ ފަޅުތަކުގެ ބޮޑު ބިމުގައި 10 ހެކްޓަރުން ހުންނާނެ އެވެ. މީގެ އިތުރުން ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއެކު، ނުވަ މަޝްރޫއަށް ހަތް ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 3.7 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އާއި ޓްރަސްޓް ފަންޑުތަކުން ލިބޭނެ 4.3 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

4- ދަރަނި ބޮޑުވެގެން ދާނެ

ބަޖެޓުގައި ބިޔަ މަޝްރޫއުތަކެއް ހިންގަން ގިނަ އަދަދެއްގެ ފައިސާ ހިމަނާފައިވާއިރު، އަންނަ އަހަރު ރާއްޖޭގެ ދަރަނި އިތުރަށް މަތިވެގެންދާނެ އެވެ. އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި، 49 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ބޭރުގެ ދަރަނި 27.3 ބިލިއަން ރުފިޔާ އަށް އަރާއިރު، އެތެރޭގެ ދަރަނި 21.7 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

5- އިންފްލޭޝަން މަތިވުމުގެ ބިރު

މުސާރަ ބޮޑު ކުރުމާއެކު އަންނަ އަހަރު އިންފްލޭޝަން (ލާދަ) މަތިވުމުގެ ބިރު އޮންނާނެ އެވެ. އިންފްލޭޝަން ރިޕޯޓު ދައްކާ ގޮތުގައި އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި 3.5 ލާދަ ޕަސެންޓަށް މަތިވާނެ އެވެ. ނަމަވެސް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން (ލާދަ) ހުރީ 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގަ އެވެ.

6- ބޮޑެތި މަޝްރޫއުތަކެއްގެ ނިންމުން

އަންނަ އަހަރަކީ ރާއްޖޭގައި ހިންގާ، ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ އަހަރަށްވާނެ އެވެ. އެކަން ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ޗައިނާ-ރާއްޖެ ފްރެންޑްޝިޕް ބްރިޖެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާ މި ބްރިޖުގެ 67 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ބްރިޖުގެ ފީ ނިޒާމް ގާއިމުކުރަން 62 މިލިއަން ރުފިޔާ ހިމަނާފަ އެވެ. "ޓޯލް ކަލެކްޝަން ސިސްޓަމް" ހަރު ކުރުމުގެ އިތުރުން ބްރިޖު މަރާމާތު ކޮށް ބެލެހެއްޓުމަށް ބަޖެޓުގައި 35 މިލިއަން ރުފިޔާ ވަނީ ހިމަނާފައިވެ އެވެ. މީގެ އިތުރުން އަނެއް މަޝްރޫއަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާ 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަސައްކަތް ކުރަމުން ގެންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތެވެ. ހޮސްޕިޓަލަށް ބޭނުންވާ ބައެއް ވަސީލަތްތައް ހޯދުމަށް 818 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އިމާރާތް ނިންމަން 447 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

7- ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއުތަކެއް!

އަންނަ އަހަރު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 580 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ގެދޮރުވެރިކުރުމުގެ މަޝްރޫއު ތަކަށެވެ. ލައްކައެއްހާ މީހުން ވަޒަންވެރި ކުރުވުމަށް ފެށި، މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 36 ޓަވަރުގައި 10080 ހައުސިން ޔުނިޓް އަޅާނެ އެވެ. ފްލެޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭނެ އެވެ. މި މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްއެމް، އެމްޓީސީސީ، އެމްއޭސީއެލް، އެސްޓީއޯ، އައިލެންޑް އޭވިއޭޝަން، ބީއެމްއެލް، އެމްޕީއެލް، ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، އިމިގްރޭޝަން، ކަސްޓަމްސް، ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އެވެ. ސަރުކާރުން ބުނެފައިވަނީ މި މަޝްރޫއު އަންނަ އަހަރު ނިމޭނެ ކަމަށެވެ.