ހަބަރު

ދެ މިލިއަން ރުފިޔާ ދައްކަން މައުމޫންގެ ބޭފުޅުންނަށް ހުކުމްކޮށްފި

އިމާރާތެއް ކުރުމުގެ އަގު ނުދައްކާ ކަމަށް ބުނެ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)އިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ބޭފުޅުންނާ ދެކޮޅަށް ނިންމައިފި އެވެ. އާރްސީސީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

އެ މައްސަލާގައި އިއްޔެ ސިވިލް ކޯޓުން އިއްވާފައިވާ ހުކުމްގައި ވަނީ ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސާބިތުވާ ކަމަށާއި އެހެންވެ 30 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށް މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ގައްސާން މައުމޫންއާ ދެކޮޅަށް އެ ކުންފުނިން ދައުވާކުރީ އިމާރާތް ކުރުމަށް ހަރަދުވި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބޭ ކަމަށް ބުނެ އެވެ. އެ އިމާރާތަކީ ހަތަރު ބޭފުޅުންގެ ނަމުގައި ޗާންދަނީ މަގުގައި އޮންނަ ބިމެއްގައި އިމާރާތްކުރި އިމާރާތެކެވެ.

އެ ދައުވާއަށް ހަތަރު ބޭފުޅުން ވެސް އިންކާރު ކުރައްވާފައިވެ އެވެ. ދައުވާއަށް އިންކާރު ކުރައްވަނީ އިމާރާތް ހަދާފައިވާ ފެންވަރު ރަނގަޅު ނޫން ކަމަށް ވާތީ އެވެ. އަދި އެ އިމާރާތުގައި ގިނަ މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، އެ އިމާރާތް ނިންމައި އިމާރާތާ ހަވާލުވެ އާރްސީސީއަށް ލިޔުން ވެސް ދީފައިވާ ކަމަށެވެ. އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު ހަތަރު ބޭފުޅުންގެ ފަރާތުން އެތަން މޮނީޓާކޮށްފައިވާކަން ވެސް އެނގެން އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ފައިސާ ނުލިބިގެން އާރްސީސީއިން ދައުވާކުރުމުން މިހާރު ތަނުގެ ހާލަތާމެދު ސުވާލު އުފެއްދުމަކީ އެ ފައިސާ ނުދީ ހިފަހައްޓަން އޮތް އުޒުރެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދުންޔާ އަދި ގައްސާން މިހާރު ވެސް ތިއްބެވީ ސަރުކާރުގެ މަގާމުތަކުގަ އެވެ. މީގެކުރިން ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޔުމްނާ ސަރުކާރުން ވަކިވެ ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާގެ ބައްޕާފުޅާ އެކު މި ސަރުކާރާ ދެކޮޅަށެވެ. އަދި ފާރިސް މައުމޫން ހުންނެވީ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.