ހަބަރު

ވަޒީފާގެ ބިރަށް ވެސް ގާނޫނާ ހިލާފު އަމުރަކަށް ތަބާވުމުން ކުށްވެރިވާނެ: ހައިކޯޓް

ވެރިން އަންގައިގެން ވެސް ގާނޫނާ ހިލާފު އަމަލެއް ކޮށްފިނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ކުށްވެރިވާނެ ކަމަށް ވެސް މިއަދު ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް މިއަދު އިއްވި ހުކުމްގަ އެވެ. އެ ހުކުމް އިއްވީ ކްރިިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ސިފައިން މެދުވެރިކޮށް ހައްޔަރުކޮށް ސިފައިންގެ މިލިޓްރީ ބޭސް ގިރިފުށީގައި ބެހެއްޓި މައްސަލާގައި ތޮލްހަތަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުންނެވެ.

އިސްތިއުނާފުކޮށް ތޮލްހަތު އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ، އަބްދުﷲ ގާޒީ ބަންދުކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަމަށް އަމުރު ނެރުނީ ވެސް ރައީސް ނަޝީދު ކަމަށެވެ. އެކަމުގައި އޭނާ އަމަލުކުރައްވާފައިވާނީ ޖިނާއީ ކުށެއްގެ ނިޔަތެއް ނެތި، ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާ އަދާކުރެއްވުމަށް ކަމަށް ވެސް ހައިކޯޓުގައި ފާހަގަކުރައްވާފައިވެ އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ، އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންގޮސް އެތަނުގައި ބަންދުކުރީ ރައީސް ނަޝީދުގެ އެންގުމުގެ މަތިން ކުރި ކަމެއް ކަމަށް ފާހަގަކުރި ނަމަވެސް އެކަން ކޮށްފައިވަނީ ތޮލްހަތުގެ ފެނުމާއި އެނގުމުގެ މަތިން އޭނާގެ އިސް ދައުރެއް އޮވެގެން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ތޮލްހަތާ މަޝްވަރާކޮށް ރާވައިގެން ކަމަށެވެ.

ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގަކީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ކޮންމެ ދިވެއްސަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް ހުކުމްގައިވެ އެވެ.

"ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ އަމަލެއް ހިންގުމަށް، ރޭވުމަށް، އެހީތެރިވުމަށް ނުވަތަ އެފަދަ އަމަލެއް ފޮރުވުމަށް، ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ، އެފަދަ އަމުރެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެފަދަ އަމުރަކަށް ތަބާވުމަކީ ގާނޫނުގެ އިތުރުން އިސްލާމީ ޝަރީއަތުގައި ވެސް އެކަން އޮތް ގޮތެއް ނޫން، މަޖުބާރީ ހާލަތެއް މެދުވެރިވެގެން ނޫނީ އެފަދަ އަމުރަކަށް ތަބާވުމެއް ނެތް،" ހުކުމްގައިވެ އެވެ.

އެ ނުކުތާއަށް ފާހަގަކޮށް ހުކުމްގައި އިތުރަށް ބުނެފައިވަނީ، ތިމާ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ގާނޫނީ އިމުގެ ތެރެއިން ވެރިން އަންގާ އެންގުންތަކަށް ކިޔަމަންވާނެ ޖެހޭނެ ކަމަށާއި ގާނޫނީ އިމުގެ ބޭރުން ވެރިން އަންގާ އެންގުންތަކަށް ކިޔަމަންވެގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާގެ ބިރަށް ނުވަތަ އެފަދަ އެހެން ސަބަބަކާހުރެ ވެސް ގާނޫނީ އިމުގެ ބޭރުން ވެރިން އަންގާ އެންގުމަށް ކިޔަމަންވެ ކުށަކަށް އަރައިގެންފިނަމަ އެކަމުގެ ޝަހްސީ ޒިންމާ އާއި މަސްއޫލިއްޔަތު އެމީހަކު އުފުލަންޖެހޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މި ހުކުމް އިއްވެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުންނެވެ.