ހަބަރު

"ގައްދާރުވި" ކަމަށް ބުނުމުން ނިހާން ގޮވައިގެން ކޯޓަށް ދަނީ

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ސާބިތުނުހިފޭ ދޮގު ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އޭނާ ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ނިހާން ވަނީ ޕީޕީއެމްއިން ދޫކުރައްވާ ވަޑައިގަތް މެންބަރުންނަކީ ގައުމަށް ގައްދާރުންގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މި ގައުމު ދިވެހިން އަތުން ބީކޮށްލުމަށް ގާތްގަނޑަކަށް މަސައްކަތް ކުރި މެންބަރުންތަކެއް ކަމަށް ވެސް ނިހާން ވިދާޅުވެފައިވެ އެވެ. ތިނަދޫއަށް ނިސްބަތްވާ ދެ މެންބަރުން ސަރުކާރަށް ބޮޑެތި ގެއްލުންތަކެއްދެމުންދާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ސައުދުﷲ މިއަދު ވިދާޅުވީ، ގައުމު ގައްދާރުވުމަކީ ވަރަށް ސީރިއަސް ބޮޑު ތުހުމަތެއް ކަމަށެވެ. އެއީ ސްޓޭޖަކަށް އަރާލާފައި ހަމަ ދައްކާލެވޭނެ ވާހަކައެއް ނޫން ކަމަށާއި އެ ވާހަކަ ދައްކާނަމަ އެކަން ސާބިތު ވެސް ކޮށްދޭންޖެހޭނެ ކަމަށެވެ. ގައުމަށް ގައްދާރުވި ކަމަށް ވިދާޅުވެ ނިހާން ދައްކަވާ ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ، ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. ނިހާންގެ އެ ވާހަކަތަކަކީ މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހެއްކާއި ގަރީނާއެއް ނެތި ދައްކައިގެންވާ ވަރަށްވުރެ ބޮޑު ވާހަކައެއް އެއީ، އެއީ އަޅުގަނޑުމެންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލަން ދައްކާ ވާހަކަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ހައްގުތަކެއް ގެއްލިގެން ދަނީ،" ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވައި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓާވާފަ އެވެ. އޭގެފަހުން ޕީޕީއެމްއިން ވަނީ އޭނާ ވަކިކޮށް ގޮނޑި ގެއްލުވާލާފަ އެވެ. ސައުދުﷲގެ އިތުރުން ތިނަދޫގެ އަނެއް މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ވެސް އެގޮތަށް ޕީޕީއެމްއިން ވަނީ ގެއްލުވާލާފަ އެވެ.

ޕީޕީއެމްއިން ވަކިވެގެންދިޔަ މެންބަރުންތަކަކީ ބަޣާވާތެއް ކޮށްގެން ދިޔަ މެންބަރުންތަކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ސިފަކުރައްވާފަ އެވެ. އެކަމާ އެ މެންބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެ މެންބަރުން ވިދާޅުވީ، އެއީ ބަޣާވާތެއް ނޫން ކަމަށާއި މެންބަރުން މަސައްކަތް ކުރައްވަމުންދަނީ އިސްލާހަށް ކަމަށެވެ.