ހަބަރު

ތިނަދޫގެ 90 ޕަސެންޓް ސަރުކާރާ ދެކޮޅު: ސައުދުﷲ

ގދ. ތިނަދޫގައި އިދިކޮޅު ޕާޓީތަކުން ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށް ތާއިދު އޮތީ ސަރުކާރަށްކަން ދެއްކުމަށް ޕީޕީއެމްގެ ވަފުދެއް އެ ރަށަށް މިއަދު ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް އެ ތާއިދެއް ސަރުކާރަށް ނެތް ކަމަށް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ވިދާޅުވެފަ އެވެ.

ސައުދުﷲ މިއަދު އަވަސްއަށް ވިދާޅުވީ، ތިނަދޫގެ 90 ޕަސެންޓް ރައްޔިތުންނަކީ ސަރުކާރާ ހިޔާލު ތަފާތު ރައްޔިތުން ކަމަށެވެ. ސަރުކާރަށް ތިނަދޫގައި މިހާރު ތާއިދު ނެތްކަން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ވެސް ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށެވެ. ކައުންސިލް އިންތިހާބުގައި ތިނަދޫގެ އެއްވެސް ގޮނޑިއެއް ސަރުކާރަށް ނުލިބެ އެވެ.

"އެންމެފަހުން މި ހެދުނު ސާވޭއަކީ ނޫނީ ނެގުނު ވޯޓަކީ ކައުންސިލް އިންތިހާބު، އެ އިންތިހާބު އެވަނީ ސަރުކާރަށް ތިނަދޫއިން ނޫނެކޭ ބުނެފަ، އަންދާޒާކޮށްލެވޭ ގޮތުގައި 90 ޕަސެންޓް ރައްޔިތުން ސަރުކާރާ ހިޔާލު ތަފާތު،" ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ އަދި ތިނަދޫގެ އަނެއް މެންބަރު އަބްދުﷲ އަހުމަދު ވެސް މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ސަރުކާރާ ހިޔާލު ތަފާތުވެ ޕީޕީއެމްއިން ވަކިވެފަ އެވެ. އަދި އިދިކޮޅު ޕާޓީތަކާއެކު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ސައުދުﷲ ވިދާޅުވީ، ތިނަދޫ ރައްޔިތުންނަކީ އަބަދުވެސް އުސޫލެއްގެ މަތީގަ ތިބޭ ބައެއް ކަމަށެވެ. އެ އުސޫލާ ހިލާފުވާނަމަ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ ހައްގުތައް ފަދަ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ބޭނުންވާ ރައްޔިތެއް ކަމަށެވެ.

"ރައީސް މައުމޫން ސަރުކާރުގެ ފަހު ދުވަސްތަކުގައި ވެސް ސަރުކާރުން އަމަލުކުރާ ގޮތާ ހިތްހަމަނުޖެހިގެން ރައްޔިތުން ނުކުތް، ހަމަ އެމްޑީޕީ ސަރުކާރާ ދެކޮޅަށް ވެސް މުޒާހަރާތަކެއް ކުރި، ވަކި ސަރުކާރެއް ވީމައެއް ނޫން، އެ އޮންނަ އުސޫލުތަކާ ހިލާފުވާނަމަ ތިނަދޫ ރައްޔިތުން އަޑު އުފުލާނެ،" ސައުދުﷲ ވިދާޅުވި އެވެ.

އިދިކޮޅުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވާއިރު އެ ޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަން ސައުދުﷲ ފާހަގަކުރެއްވި އެވެ. މިއަދު ހަވީރު ޕީޕީއެމްގެ ޓީމެއް ވެސް އެ ރަށަށް ދާން ވަނީ ހަމަޖެހިފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ އެ ޓީމުން ތިނަދޫގައި ސަރުކާރަށް އޮތް ތާއިދު ދައްކާލާނެ ކަމަށް ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ ތިނަދޫއަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޖަލްސާއަށް ނުދިޔުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ނަމަވެސް، އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ބަޖެޓްގެ ކޮށްގެން ހިންގި މަޝްރޫއުތަކެއް ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެފަދަ ކަލަ ގޮވައިގެން ރައްޔިތުން ނުހިފެހެއްޓޭނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.