ހަބަރު

ހަސަންބެގެ ދެ ގާތިލުން އުމުރަށް ޖަލަށްލާން ހައިކޯޓުން ތާއިދުކޮށްފި

ނ. މާފަރު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހަސަން އަބޫބަކުރުގެ މަރާލިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފި އެވެ.

ދެހާސްބާރަވަނަ އަހަރުގައި އެރަށު ހިތްފަސޭހަގޭ ހަސަންބެ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވާލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އުމުރު ދުވަހުގެ ޖަލު އިސްތިއުނާފުކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ހަސަންބެ މަރުވެފައިވަނީ އެ ދެ މީހުން ވެގެން އޭނާ ރަހީނުކުރުމުންކަން ސާބިތުވާ ކަމަށެވެ. އެހެންވެ ދަށު ކޯޓުގެ ހުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ހަސަންބެ ރަހީނުކުރި ކަމަށް ތަހުގީގުގައި އިއުތިރާފުވެ ބަޔާން ދިނުމަށްފަހު ދެ މީހުން ވެސް ވަނީ ޝަރީއަތުގައި އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ތަހުގީގަށް ދެ މީހުންގެ ވެސް ބަޔާނުގެ ވީޑިއޯ ރެކޯޑިންނަށް ބެލުމުން އެއީ މަގުބޫރުކޮށްގެން ކިޔައިދީފައިވާ ވާހަކަތަކެއް ނޫންކަން އެނގޭ ކަމަށާއި އަދި އެ ވާހަކަ ކިޔައިދީފައިވަނީ އަމަލު އަމަލީ ގޮތުން ހިންގި ބަޔަކަށް ނޫނީ ކިޔައިދޭން ނޭނގޭ މިންވަރަށް ތަފްސީލުކޮށް ކަމަށް ހުކުމްގައިވެ އެވެ. ބަޔާނުގައިވާ ވާހަތަކާ ހެކިންގެ ހެކިބަހާ ދިމާވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހަސަންބެ މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ހަތަރެސްފައި ބަނދެ، އަނގަށް ފޮތިގަނޑެއް ލެއްވުމުގެ އިތުރުން މޫނުގައި ޓީޝާޓެއް ވެސް އަޅައިފަ އެވެ. ދައުލަތުގެ ދައުވާގައިވަނީ އެ ދެ މީހުން އެކަން ކޮށްފައިވަނީ ހަސަންބެގެ ގެއިން ވައްކަން ކުރުމަށެވެ. ނަމަވެސް އެގޮތަށް ހަސަންބެ ބަނދެގެން ގެންގުޅެނިކޮށް އޭނާ މަރުވީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

އޭރު އަމަލުކުރަމުންދިޔަ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހަކު މެރުމަށް ނުވަތަ އުމުރަށް ޖަލަށްލުމަށް ނުވަތަ އުމުރަށް އަރުވާލަން ހުކުމްކުރެވޭނެ އެވެ. ނަމަވެސް އޭގެ ތެރެއިން ކުށްވެރިޔާއަށް ދޭނެ އަދަބެއް ކަނޑައެޅުމުގެ ބާރު އޮންނަނީ ފަނޑިޔާރަށެވެ.

އެ މައްސަލައިގައި 18 އަހަރުނުވާ ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ނަމަވެސް އެ ކުއްޖާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.