ހަބަރު

"ބަޖެޓް ފާސްކުރީ ގާނޫނާ ހިލާފަށް، އަލުން ފާސްކުރަންޖެހޭނެ"

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ ނިންމުން ބާތިލުވާނެ ކަމަށް ކުރީގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވަޑައިގަތީ ވެސް 39 މެންބަރުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ބަޖެޓަކީ ހާސިލް ވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ބޮއިކޮޓް ކުރަން ނިންމަވާފަ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ، ދައުލަތުގެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތީސް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ކުރިން ގާނޫނު އަސާސީއާ އެއްގޮތަށް ބަޖެޓް ފާސްކުރުމަށް ގޮވާލައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ބަޖެޓް ފާސްކޮށްފައިވަނީ އެކަން ހުއްޓުވަން އެމްޑީޕީއިން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައިވަނިކޮށެވެ. ޕަބްލިކް އިންޓަރެސްޓުގެ މައްސަލައެއްގެ ގޮތުގަ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން އެ މައްސަލަ ހުށަހެޅީ، މަޖިލީހުގައި މިއަދު ބަޖެޓް ފާސްކުރަން ވޯޓު ނަގަނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެ އެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް ނަގަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިއްބެވި ނަމަ އެވެ.

މީގެއިތުރުން މިއަދު ނަގާ ވޯޓަކީ، މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދެބައިކޮށްފަ އެއް ބަޔަކަށްވުރެ ގިނަ މެންބަރުން ތިއްބަވައިގެން ނަގަންޖެހޭ ވޯޓުތަކެވެ. އެމްޑީޕީގެ މައްސަލާގައިވާ ގޮތުން ބަޖެޓް ފާސްކުރުމަކީ ވެސް ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމެއް ކަމަށެވެ.