ހަބަރު

ބަޖެޓް ފާސްކުރީ ގާނޫނާއި ގަވައިދާ އެއްގޮތަށް: މަސީހު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިދިކޮޅު މެންބަރުން ބުނަމުންދާ ބުނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރައްދު ދެއްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވަޑައިގަތީ ވެސް 39 މެންބަރުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ބަޖެޓަކީ ހާސިލް ވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ބޮއިކޮޓް ކުރަން ނިންމަވާފަ އެވެ.

މިއަދުގެ ވޯޓަށްފަހު މެންބަރުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ، މަޖިލީހުގެ މި ދައުރު ފެށުމާއެކު އެންމެ ބޮޑު އަމާޒަކަށްވީ ދައުލަތުގެ ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ. އެކަން މިއަދު ނިމިގެން މިދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މަސީހު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން މިއަދުގެ ވޯޓް ސައްހަ ނުވާނެ ކަމަށް ބުނެ ދަނީ ވާހަކަ ދައްކަވަމުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާ ހިލާފަށް މިއަދު ވޯޓް ނަގާފައިވާ ކަމަށް ދަނީ ފާހަގަކުރައްވަމުންނެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް ނަގަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިއްބެވި ނަމަ އެވެ.

މީގެއިތުރުން މިއަދު ނަގާ ވޯޓަކީ، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދެބައިކޮށްފަ އެއް ބަޔަކަށްވުރެ ގިނަ މެންބަރުން ތިއްބަވައިގެން ނަގަންޖެހޭ ވޯޓުތަކެވެ. ބަޖެޓް ފާސްކުރުމަކީ ވެސް ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމެއް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުން އެވެ.

އެކަމަށް އިޝާރަތްކުރައްވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތީސް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ކުރިން ގާނޫނު އަސާސީއާ އެއްގޮތަށް ބަޖެޓް ފާސްކުރުމަށް ގޮވާލައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.