ހަބަރު

ހުސައިން ވަހީދުގެ ގާތިލަކު މަރަން ހައިކޯޓުން ވެސް ތާއިދު

މއ. އައިޝާ ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުން މަރަން ހުކުމްކުރި ދެ މީހުންގެ ތެރެއިން އެކަކު މަރަން ހައިކޯޓުން މިއަދު ތާއިދުކޮށްފި އެވެ. ދެވަނަ މީހާގެ މައްސަލަ އަދި ނުނިންމަ އެވެ.

ޑިސެމްބަރު، 2013 ގައި ބުރުޒުމަގުގައި ހުސެއިން ވަހީދަށް ހަމަލާދީ، މަރާލިއިރު އެކަމުގައި ބައިވެރިވާ ދެ މީހުންނަށް 18 އަހަރުނުވި ނަމަވެސް މިހާރު އެމީހުންނަށް 18 އަހަރު ވަނީ ފުރިފަ އެވެ. އެމީހުންގެ ނަން ހާމަކޮށްފައިނުވަނީ އެ އަމަލު ހިންގިއިރު އެމީހުންނަކީ ކުޑަ ކުދިންނަށް ކަމަށްވާތީ އެވެ.

މިއަދު ހައިކޯޓުން މެރުމަށް ހުކުމްކުރީ ހުސެއިން ވަހީދަށް ހަމަލާދިނުމުގައި ބައިވެރި މީހާ އެވެ. ހުކުމްގައި ވަނީ ހުސެއިން ވަހީދަށް ހަމަލާދިން މީހަކު ގޮވައިގެން ސައިކަލްގައި އެ ހިސާބަށް ގޮސް، ހަމަލާދިނުމުން އެމީހާ ގޮވައިގެން އަނބުރާ ދިޔަ ކަމަށް ވެސް ތިން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ. އެއީ އޭނާ އެކަމުގައި ބައިވެރިވިކަން އެނގޭ ކަމެއް ކަމަށް ވެސް ހުކުމްގައިވެ އެވެ. އެހެންވެ ޖުވެނައިލްގެ ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޯޓުގެ ހުކުމުގައިވަނީ އެމީހާ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި އެކަމުގައި ބައިވެރިވިކަން ސާބިތުވާއިރު ހުސައިން ވަހީދުގެ ވާރިސުންގެ ގޮތުގައި ތިބި ނުވަ މީހުން ވެސް ބޭނުންވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފަން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ އިސްލާމީ ޝަރީއަތުގެ ދަށުން އެ ދެ ކުދިންނަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އޭނާގެ މައްޗަށް ޖުވެނައިލް ކޯޓުން އިއްވި ހުކުމަކީ އެ ކޯޓުގެ ތާރީހުގައި މަރަން ހުކުމް އިއްވި ދެވަނަ ހުކުމެވެ. އެންމެފުރަތަމަ އެ ކޯޓުން މަރުގެ ހުކުމެއް އިއްވީ ގ. ވޭރު އަބްދުލްމުހީތަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގަ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާއިރު މަރުގެ ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމުންނެވެ. މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.