ހަބަރު

ފުލުހުންނަށް އިންޒާރުކުރެއްވި މާނިއު އެންއައިސީއިން ވަކިކޮށްފި

  • ފުލުހުން ތަހުގީގުތަކަށް ހުރަސް އަޅާކަމަށް ފާޅުގައި ވިދާޅުވި
  • އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެކަން އޭނާ ހާމަކުރެއްވި
  • އޭނާ އަކީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ

ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަންގެ ރައީސްކަމުންނާއި މެންބަރުކަމުން ޔޫސުފް މާނިއު ވަކިކޮށްފި އެވެ.

މާނިއު ކޮމިޝަނުން ވަކިކުރިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މާނިއުގެ ބަހެއް ވެސް ނުލިބެ އެވެ. މާނިއު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ނޭނގެ އެވެ.

މާނިއު އެންއައިސީއިން ވަކިކޮށްފައިމިވަނީ، ފުލުހުންނާ ގުޅޭ ގޮތުން ބޮޑު ތުހުމަތެއް ކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ. މާނިއު ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެެއް އެންއައިސީގައި އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

"އެ މައްސަލަތައް ބަލަން ވަރަށް ގިނަ ފަހަރަށް ސިޓީ ފޮނުވައިގެން އަދި ގުޅައިގެންވެސް ވާހަކަ ދައްކައިފިން، އެކަމަކު އަޅުގަނޑުމެން ބޭނުންވާ އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ނުލިބޭ، އެގޮތަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބެންޏާ އަޅުގަނޑުމެންނަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ނަމަވެސް މައްސަލަތައް ނިންމަން މަސައްކަތް ކުރާނަން،" މާނިއު ވިދާޅުވެފައިވެ އެވެ.

އެންއައިސީގެ ރައީސް ކަމަށް މާނިއު އައްޔަން ކޮށްފައިވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފަރުހާދު މުހައްމަދު ވަކިކުރުމަށްފަހު އެވެ. ފަރުހާދު ވެސް ކޮމިޝަނުން ވަކިކުރީ ކުއްލި ގޮތަކަށެވެ. އޭރު މާނިއު ހުންނެވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.