ހަބަރު

ސާކްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ރިޝްމީއަށް

މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ ރޯލް، އައިޝަތު ރިޝްމީ ހޯދައިފި އެވެ. ރިޝްމީ މި އެވޯޑް ހާސިލުކޮށްފައިވަނީ ފިލްމް "ވިޝްކާ"ގައި އޭނާ ދެއްކި ރޯލުންނެވެ.

ސާކް ފެސްޓިވަލްގައި މި އަހަރު ރާއްޖެއިން "ވިޝްކާ" ބައިވެރިކުރިއިރު އަވަށްޓެރި އެހެން ގައުމުތަކުން ވެސް ފެސްޓިވަލްގައި ވަނީ ފިލްމްތައް ބައިވެރިކޮށްފަ އެވެ. އެ ފިލްމްތަކާ ވާދަކޮށް ރިޝްމީ ހޯދި ކާމިޔާބީއަކީ މިހާތަނަށް ދިވެހި އަންހެން ބަތަލާއަކު ބޭރުގެ ފެސްޓިވަލެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

ސްރީލަންކާގައި ކުރިއަށް ދިޔަ ފެސްޓިވަލް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރިޝްމީއަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. ރިޝްމީގެ ކާމިޔާބީއާ ގުޅިގެން ފިލްމީ ދާއިރާގެ ފަންނާނުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަދި އެއީ ރިޝްމީގެ މި ކާމިޔާބީ ރަން އަކުރުން ލިޔެވިގެން ދާނެ ކަމަށް ބުނަމުންނެވެ.

ރަވީ ފާރޫގު ޑައިރެކްޓުކޮށް ރިޝްމީ ޕްރޮޑިއުސްކުރި "ވިޝްކާ" އަކީ މި އަހަރު ތެރޭގައި ނުކުތް އެންމެ ވާދަވެރި ފިލްމުތަކުގެ ކުރީގައި ހިމެނޭ ފިލްމެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމަކަށްވި އެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. މިދިޔަ މާޗު މަހު އެ ފިލްމު ރިލީޒްކޮށް ޝްވެކް ސިނަމާގައި ގިނަ ޝޯތަކެއް ދެއްކި އެވެ.

ވިޝްކާ އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށް ރިޝްމީއާ އެކު ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ވަރަށް މުހިންމު ސަޕޯޓިން ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެންދެ އެވެ. އެ ފިލްމަކީ ކްރައިމް ޑްރާމާއެއް ގޮތަށް ފިޓްކޮށްފައިވާ ރާއްޖޭގެ މިހާރުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

މީގެކުރިން ވެސް މި ފެސްޓިވަލްގައި ދިވެހި ފަންނާނުން ކާމިޔާބީތައް ހޯދާފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)އަށް ފިލްމް "އިނގިލި" އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ. އަދި ފިލްމް "އިނގިލި"އަށް ބްރޯންޒް މެޑެލް ލިބިފައިވެ އެވެ.

އޭގެއިތުރުން 2015 ވަނަ އަހަރު އަލީ ސީޒަންގެ "އިންސާނާ"އަށް ވެސް ބްރޯންޒް މެޑަލް ލިބިފައިވެ އެވެ. މިދިޔަ ވާދަކުރި ރިޝްމީގެ މިކޮއެ ބައްޕަ ބައޭބައޭ"އަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.