ހަބަރު

އިދިކޮޅު 12 މެންބަރުން މާދަމާ ކޯޓަށް ހާޒިރުކުރަނީ

ދައުލަތުން ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރުންނާއި މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތިން ބޭފުޅުންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމަށް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.

މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ.

މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ހުރިހާ ބޭފުޅުންނަށް ވެސް ވަކީލުން ހޯދަން ވަނީ 10 ދުވަސް ދީފަ އެވެ. އެ މުއްދަތު ދީފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދެވެން އޮތް އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށްވާތީ އެވެ. އެ އަޑުއެހުން އޮތީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެހެންކަމުން ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަކީލުން ހޯދަން މިވަނީ ލިބިފަ އެވެ.

އެ އަޑުއެހުމުގައި ހުރިހާ ބޭފުޅުން ވެސް ވަކީލުން ހޯދަން ދިގު މުއްދަތަކަށް އެދިވަޑައިގެންފަ އެވެ. ގިނަ މެންބަރުން އެދިވަޑައިގަތީ އެއް މަސް ދުވަަސް ދެއްވުމަށެވެ. ދިގު މުއްދަތަކަށް އެ ބޭފުޅުން އެދިވަޑައިގަތީ، އެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވާ ގިނަ ވަކީލުން ސަސްޕެންޑްގައި ތިއްބެވުމެވެ. ނަމަވެސް މިހާރު ވަނީ އޭގެ ތެރެއިން ގިނަ ވަކީލުންގެ ސަސްޕެންޝަން އުވާލާފަ އެވެ.

އަމީތާއި ވައްޑެ އަދި ސައުދުގެ މައްޗަށް ހަމަ އެއް ގަޒިއްޔާގެ ދަށުން އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. ބާރަ ބޭފުޅުންނަށް ވެސް ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.