ހަބަރު

ބަޖެޓާއި މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވާނަމަ އެއީ މައްސަލައެއް

އަންނަ އަހަރުގެ ބަޖެޓްގައި އޮތް އެއްޗަކާ ތަފާތުކޮށް ބައެއް މިނިސްޓަރުން ވާހަކަފުޅުދައްކަވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދަށް އިޝާރަތް ކުރައްވާ އެވެ. ބޮޑުތަކުރުފާނުގެ ގަބުރުފުޅު އެ މިސްކިތެއްގެ ގޯތި ތެރޭގައި އޮތް ބިހުރޯޒް ކަމަނާ މިސްކިތް ހުރި ތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން ބަޖެޓްގައި ހިމަނާފައިވާއިރު އިސްލާމިކް މިނިސްޓަރު ރޭ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ، ބަޖެޓްގައިވާ އެއްޗަކާ ދިމާނުވާ ގޮތަށް މިނިސްޓަރުން ވާހަކަފުޅު ދައްކަވާނަމަ އެއީ މައްސަލައެއް ކަމަށާއި އެކަން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅަން އަންނަ 2018 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމަނައި، އެ މަޝްރޫއާ ވެސް އެކުގައި ބަޖެޓް ވަނީ ފާސް ވެސް ކޮށްފަ އެވެ. އެތަނުގައި އިމާރާތެއް އެޅުމަށް ބަޖެޓްގައި ލިޔެފައިވާއިރު އެތާ މިސްކިތެއް ހިމެނޭނެ ކަމެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސްް އިސްލާމިކް މިނިސްޓަރު ރޭ ވިދާޅުވީ އެ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލައި ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން ދައްކާ ވާހަކައެއް ކަމަށެވެ. ވިދާޅުވީ ބިހުރޯޒްކަމަނާ މިސްކިތުގައި މިހާރު ކުރަމުންްދާ މަސައްކަތަކީ އެމިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައި ވާތީ ގަބުރު ނަގައި ސާފު ކުރުމާއި އެތަނުގެ ބޭރު ހިޔާ ކުރުން ކަމަށެވެ.

"މިކަހަލަ ފިތުނައެއް އުފައްދާނެކަމުގެ ޔަގީންކަން އޮތީމައި އަޅުގަނޑުމެން މަސައްކަތް ފެށުމުގެ ކުރީގައި ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގައި މިވާހަކަ ހިއްސާކޮށްފައި އޮންނާނެ،" 12 ބުރީގެ އިމާރާތެއް އަޅާ ވާހަކައަކީ މިހާރު ކުރަމުންދާ މަސައްކަތާ ގުޅުވައިގެން ދައްކާ ވާހަކައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެވާހަައަކީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ލިޔެ އާއްމުކޮށްފައިވާ ވާހަކައެކެވެ.