ހަބަރު

ސިންގަޕޫރަށް ފޮނުވި ގާސިމް ޖަރުމަނަށް

ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމުގެ ހުއްދަ ކަރެކްޝަން ސާވިސްއިން ދީފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގެންފި އެވެ. ޖަރުމަނަށް ގާސިމް ވަޑައިގަތީ އެ ގައުމުން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ގާސިމްގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިންގަޕޫރުގައި ގާސިމް ފަރުވާ ހޯދެއްވުމަށް ކަރެކްޝަން ސާވިސްއިން އެންމެފަހުން ޓްރެވެލް ޑޮކިއުމެންޓް އާ ކޮށްދިނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތު ހަމަވެފައިވާއިރު މިހާރު ގާސިމް އަތުގައި ޓްރެވެލް ޑޮކިއުމެންޓެއް ނެތުމުން އެމަނިކުފާނު ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރައްވަން ޖެހެނީ އެ ގައުމުގެ ހާއްސަ ވިސާއެއްގެ ދަށުން ވަރަށް ދަތި އުނދަގުލުގަ ކަމަށެވެ.

ވަކީލުން ވިދާޅުވީ، ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުންސުރެ ކުރަމުން އައީ ޖަރުމަނުން ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނީ ވެސް އެމަނިކުފާނަށް ފަރުވާ ކުރައްވާ ޖަރުމަނުގެ ޑޮކްޓަރުން، ސިންގަޕޫރުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

ގާސިމް ޖަރުމަނަށް ވަޑައިގަތީ އެ ގައުމުން އިންސާނިއްޔަތަށްޓަކައި ގާސިމަށް ދެއްވި ހާއްސަ ހުއްދަގެ ދަށުން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށްވާ ގޮތުގައި ގާސިމްގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ކުރިމިނަލް ކޯޓުގެ އަމުރާ ވެސް ހިލާފަށް ކަރެކްޝަން ސާވިސްއިން ދަނީ ގާސިމްގެ ފަރުވާއަށް ހުރަސް އަޅަމުންނެވެ. ގާސިމަށް ދިން ބޭސް ފަރުވާގެ މުއްދަތު ކަރެކްޝަނުން މީގެކުރިން އިތުރުކޮށްދީފައިވާއިރު އިތުރަށް މުއްދަތު ނުދޭން މިހާރު ވަނީ ނިންމާފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ގާސިމް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ގާސިމަށް ދިން މުއްދަތު ހަމަވުން ރާއްޖެ ވަޑައިނުގަތީ، ދެ ފަހަރެއްގެ މަތިން އެއާޕޯޓަށް ވަޑައިގަތުމުން ވެސް ފްލައިޓަށް އެރުން މަނާކުރި ކަމަށް ބުނެ އެވެ. މިހާރު ގާސިމް ސިންގަޕޫރު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަންނަވާފައިވާއިރު ގާސިމްގެ ބަލި ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް ވަކީލުން ހާމައެއް ނުކުރެ އެވެ.