ހަބަރު

އިމާރާތް އަޅަނީ މިސްކިތް ތަޅާނުލައި، ގުދަން ހުރި ބިމުގައި

ބޮޑުތަކުރުފާނުގެ ގަބުރުފުޅު އެ މިސްކިތެއްގެ ގޯތި ތެރޭގައި އޮތް ބިހުރޯޒް ކަމަނާ މިސްކިތް ތަޅާނުލާނެ ކަމަށާއި އިމާރާތް އަޅަނީ މިސްކިތާ ޖެހިގެން ހުރި ގުދަން ހުރިތާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅަން އަންނަ 2018 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމަނައި، އެ މަޝްރޫއާ ވެސް އެކުގައި ބަޖެޓް ވަނީ ފާސް ވެސް ކޮށްފަ އެވެ. އެތަނުގައި އިމާރާތެއް އެޅުމަށް ބަޖެޓްގައި ލިޔެފައިވާއިރު އެތާ މިސްކިތެއް ހިމެނޭނެ ކަމެއް ބުނެފައެއް ނުވެ އެވެ.

އެ އިމާރާތް އެޅުމަށް ބިހުރޯޒް މިސްކިތް ތަޅާލާ ކަމަށް އަޑު ފެތިފައިވަނިކޮށް އެކަން އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔަތު ރޭ ދޮގު ކުރެއްވުމާ ގުޅިގެން އިމާރާތް އަޅާ ތަނާ ގުޅޭ ގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލަން އެއްވެސް އިރެއްގައި ނިންމާފައިނުވާނެ ކަމަށެވެ. އަދި 12 ބުރީގެ އިމާރާތެއް އަޅަނީ މިސްކިތާ ޖެހިގެން ހުރި މިނިސްޓްރީގެ ގުދަނެއްގައި ކަމަށެވެ.

އެ ގުދަނަކީ 1500 އަކަފޫޓުގެ ބޮޑު ގުދަނެއްް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގުދަނަކީ މިނިސްޓްރީގެ ބައެއް ސާމާނު ބަހައްޓާފައިވާ ގުދަނެއް ކަމަށާއި އިމާރާތް އަޅަނީ އެ ގުދަން ނެގުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ރޭ ވިދާޅުވީ މިސްކިތް ތަޅާލާ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލައި ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން ދައްކާ ވާހަކައެއް ކަމަށެވެ. ވިދާޅުވީ ބިހުރޯޒްކަމަނާ މިސްކިތުގައި މިހާރު ކުރަމުންްދާ މަސައްކަތަކީ އެމިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައި ވާތީ ގަބުރު ނަގައި ސާފު ކުރުމާއި އެތަނުގެ ބޭރު ހިޔާ ކުރުން ކަމަށެވެ.