ހަބަރު

ފުލުހުން ތަހުގީގުގައި ހެދި "ގޯހަކުން" ބޮޑު ހުކުމެއް ބާތިލުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ކޮށްފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ފުލުހުން ތަހުގީގުގައި އަމަލުކޮށްފައިވާ ގޮތުން ބާތިލުކުރަން ޖެހިއްޖެ އެވެ. ހައިކޯޓުން މިއަދު ބާތިލުކޮށްފައިވަނީ ށ. ފޭދޫ، މޫރިތި، އަލީ އިބްރާހިމްގެ މައްޗަށް އެ ރަށު ކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމެވެ.

އަލީ އިބްރާހިމްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އޭނާގެ ގޭގެ ފެންޑާގެ ތެރޭގައި ހުރި އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ހުރި ސިނގިރޭޓް ފޮށިތަކެއް ފެނިފައިވާތީ އޭނާގެ މައްޗަށް އުފުލި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވުމުންނެވެ.

އެ ހުކުމަކީ ޝަރުއީ އަދި ގާނޫނާ ހިލާފު ހުކުމެއް ކަމަށް ބުނެ އަލީ އިބްރާހިމް ހައިކޯޓަށް މައްސަލަ ވެއްދުމުން މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އެގޮތަށް ކަނޑައަޅައިދީފަ އެވެ. އެ ހުކުމް ހައިކޯޓުން ބާތިލުކުރީ ތަހުގީގުގައި ފުލުހުން ހޯދި ތަކެތިން ފިންގަޕްރިންޓް ނަގާފައިނުވާތީ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު ސައިކަލަކީ ވަށާ ފާރު ނެތް ގޯއްޗެއް ތެރޭގައި ބަހައްޓާފައިހުރި ސައިކަލެއް ކަމުން އެ ސައިކަލްގެ މަޑި ދަށަށް މީހަކު އެއްޗެއް ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަލީ އިބްރާހިމް ވަނީ ދިފާއުގައި، އެއީ ބަޔަކު ރާވައިގެން އޭނާއާ ދެކޮޅަށް ހިންގާފައިވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ތަކެއްޗަކީ އޭނާ ތަކެތި ނޫން ކަމާއި މަސްތުވާތަކެތި ބޭނުން ކޮށްފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހައިކޯޓުން ބުނީ، ސައިކަލް މަޑި ދަށުން ފެނުނު މަލްބަރޯ ފޮއްޓާއި އެ ފޮށި ތެރޭގައި އޮތް ރަބަރު ތިން ޕެކެޓުން ފިންގަޕްރިންޓް ނަގައި ފުލުހުން ތަހުލީލުކޮށްފައިނުވާ ކަމަށެވެ. އެ ފެނުނުން ވަގުތުން ފެށިގެން އެއީ އޭނާގެ ތަކެތި ނޫން ކަމަށް އަލީ އިބްރާހިމް ބުނަމުންދިޔަކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، އަލީ އިބްރާހިމްގެ ސައިކަލްގެ މަޑި ދަށުން މަސްތުވާތަކެތި ފެނުނު ފެނުމަށް ހަމައެކަނި ބަލައިގެން އެ ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.

ފިންގަޕްރިންޓް ނަގާފައިނުވީ ނަމަވެސް ފުލުހުން ވަނީ އަލީ އިބްރާހިމްގެ ކުޑަކަމުދާ ތަކެތި ނަގައި ތަހުލީލުކޮށްފަ އެވެ. އެވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސްވެފަ އެވެ. ނަމަވެސް އެއަށް ބާރު ލިބޭ އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާތީ، ދައުލަތުން ކުރާ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.