ހަބަރު

ރިޔާޒުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި އެވެ. މިއީ އޭނާގެ މައްޗަށް އުފުލި ތިންވަނަ ދައުވާ އެވެ. މިފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

ރިޔާޒުގެ މައްޗަށް މީގެކުރިން ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ. ފޯނު ޕިން ކޯޑް ނުދިނުމުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި މިފަހަރު ރިޔާޒުގެ މައްޗަށް ދައުވާކޮށްފައިވަނީ ފޯނު ހިފެހެއްޓި ތަހުގީގު ނިންމުމަށްފަހު އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ. ޕީޖީއިން މިކަމުގައި ބަހެއް ނުލިބުނެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ރިޔާޒުގެ މައްޗަށް ދައުވާ އުފުލީ، ރިޔާޒުގެ ފޯނުން އޭނާ އާއި ދައުލަތުގެ މުވައްޒަފަކާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާތީ އެވެ. ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އޮންނާނެ އެވެ. އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.