ހަބަރު

12 މެންބަރުން އެއްފަހަރާ ކޯޓަށް ގެންދަން ގާނޫނު ތަންނުދޭ: ސުއޫދު

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން އެއްފަހަރާ ޝަރީއަތަށް ހާޒިރުކުރުމަކީ ގާނޫނު އަސާސީއިން ތަންދޭ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރުންނާއި މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތިން ބޭފުޅުންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެއް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.

ސުއޫދު ވިދާޅުވީ، މަޖިލީހުގެ ގޯތި ތެރެއަށް ވަދެގެން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެއް ފަހަރަާ ކޯޓަށް ހާޒިރުކުރުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާނޫނު އަސާސީ ތަންދޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ސުއޫދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިކަމާ ކަންބޮޑުވެ މިއަދު ވަނީ ޓްވީޓްކުރައްވާފަ އެވެ. ތިން ބާރު ވަކިވެފައިވަނިކޮށް 12 މެންބަރުން އެއްފަހަރާ ކޯޓަށް ހާޒިރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް މައުމޫން ވެސް ވިދާޅުވި އެވެ.

ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.

މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ.