ހަބަރު

ފްރީޓްރޭޑް އެއްބަސްވުމަށް ރުހުން ދޭން މަޖިލީހުގެ ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބޭއްވުމަށް ކުއްލި ގޮތަކަށް ނިންމައިފި އެވެ. މިއަދު 2:30 ގައި ޖަލްސާއެއް އޮންނާނެކަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ އިސް މެންބަރަކު މިއަދު "އަވަސް"އަށް ވަނީ ކަށަވަރުކޮށްދެެއްވާފަ އެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރުފަހު ބާއްވާކަން ކަށަވަރުކޮށްދެއްވި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ ހާމައެއް ނުކުރެއްވި އެވެ. ނަމަވެސް މިހާރު މަޖިލީހުގެ ވެބްސައިޓްގައި އެޖެންޑާ ވަނީ ހިމަނާފަ އެވެ. އެ އެޖެންޑާގައިވާ ގޮތުން މިއަދުގެ ޖަލްސާއަކީ ރާއްޖެއިން ޗައިނާއާއެކު ފްރީޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރުމަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާއެކެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބާ ގްރޫޕްގައި މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އެހެން މެންބަރުންނަށް އަންގަވާފަ އެވެ. މިއަދު ޖަލްސާއެއް އޮންނަކަން އަދި އެނގިފައިނުވާ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެ އެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށްދާނެ އެވެ.

މެންދުރުފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު އިދިކޮޅު 12 މެންބަރުންގެ ޝަރީއަތް ވެސް ވަނީ މިއަދު މެންދުރުފަހަށް ތާވަލުކޮށްފަ އެވެ.