ހަބަރު

ފޯނެއް ނުދެވިގެން ދިރާގަށް އައި ބޮޑު ހުކުމުން ސަލާމަތްވެއްޖެ

ދިރާގު މެދުވެރިކޮށް މީހަކު ފްރި އޯޑާކުރި ފޯނެއް އެ ފަރާތާ ހަވާލު ނުކުރެވުމުން، އޭގެ ބަދަލު ދޭން ދިރާގުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ބަދަލުގެ ގޮތުގައި ދިރާގަށް ވަނީ 160،422.84 ރުފިޔާ ދައްކަން ސިވިލް ކޯޓުން އަމުރުކުރި އެވެ. އެ ހުކުމް އިއްވީ، އައިފޯނު އެސްއީއަށް ޕްރީ އޯޑާކުރާ ފަރާތްތަކަށް މިދިޔަ އަހަރގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ފޯނު ހަވާލުކުރާނެ ކަމަށް ބުނެ، ފޯނު ހަވާލުނުކުރި ކަމަށް ބުނެ އެ ކޯޓަށް މީހަކު ހުށަހެޅި މައްސަލައި ހުކުމުގަ އެވެ.

އެމީހާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ޕްރީ އޯޑާކޮށް، 5،828.94ރ. ދައްކާފައިވާނެ ކަމަށާއި ދިރާގުގެ ފަރާތުން އެއްބަސްވުމާ ހިލާފުވެ ފޯނު ހަވާލުކޮށްފައިނުވާ ކަމަށެވެ. ދިރާގުން އެއްބަސްވުމާ ހިލާފުވެފައިވާކަން ދެފަރާތުގެ ބަހުންނާއި ލިޔެކިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައި ކަނޑައެޅި އެވެ. ބަދަލުގެ ގޮތުގައި ފޯނު ޕްރީ އޯޑާކޮށް އޭނާ ދެއްކި 5828.94 ރުފިޔާ ނަގައިދިނުމަށާއި ދައުވާކުރި ފަރާތަށް މުޖުތަމައުގައި ކުރިމަތިވި ލަދުވެތިކަމާއި ނުތަނަވަސްކަމާއި އޭނާއަށް ކުރިމަތިވި ތަކުލީފުތަކާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެއްލައްކަ ރުފިޔާގެ ޖަޒާއީ ބަދަލު ދިނުމަށް ސިވިލް ކޯޓުން އެންގި އެވެ.

މީގެއިތުރުން ދިރާގުން އެއްބަސްވެފައިވާ ގޮތަށް ދައުވާކުރި ފަރާތުން އައިފޯނު އެސްއީ ނުދިނުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް އެހެން ފޯނެއް ގަންނަންޖެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ކުރިމަތިވި މާލީ ދަތިކަމާއި ތަކުލީފަށް 4،593.90 ރުފިޔާ އެމީހާއަށް ލިބުނު ސީދާ ގެއްލުންގެ ބަދަލު ދިނުމަށް ވެސް ވަނީ އަމުރުކޮށްފައި ވެއެވެ. ފޯނު ހަވާލު ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ހައްލެއް ހޯދުމަށް ދައުވާ ކުރި ފަރާތުން އައްޔަންކުރި ވަކީލަށް ހަރަދުކޮށްފައިވާ 50،000ރ. ވެސް ދައްކައިދިނުމަށް ވެސް ދިރާގަށް ވަނީ އަންގާފަ އެވެ.

ސިވިލް ކޯޓުގެ އެ ބޮޑު ހުކުމް ދިރާގުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިއްވި ހުކުމުގައި ނިންމީ، އެމީހާއަށް ދިރާގުން ދައްކަންޖެހޭނީ އޭނާ ފޯނު ގަތުމަށް ދިރާގަށް ދެއްކި 5،828ރ. އެކަނި ކަމަށެވެ. ދެން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ އެހެން ފައިސާތަކަކީ ދިރާގުން އެމީހާއަށް ދައްކަންޖެހޭނެ ފައިސާތަކެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޕްރޮމޯޝަނުން ފޯނު ލިބޭނީ ސްޓޮކްގައި ހުރި މިންވަރަކަށް ކަމަށް ދިރާގުން އާންމުކޮށްފައިވާ މައުލޫމާތު އެނގޭ ކަމަށާއި އެމީހާ ޕްރޮމޯޝަނުގައި ބައިވެރިވީ، އެ ޝަރުތު ގަބޫލުކޮށްގެން ކަމަށް ބަލަންޖެހޭ ކަމަށެވެ. އެމީހާ އާއި ދިރާގާ ދެމެދުވެފައިވާ މުއާމަލާތަކީ ކޮންޓްރެކްޓެއްގެ ދަށުން ހިނގި މުއާމަލާތަކަށް ނުވާތީ ބަދަލު ނަގައިދޭނެ ހަަމައެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ދިރާގަށް އެމީހާ ފޯނު ގަތުމަށް ފައިސާ ދެއްކި ނަމަވެސް ކޮންޓްރެކްޓެއް ނެތް ކަމަށާއި އެ ފައިސާ ދެއްކުމުން ވެސް ފޯނު ހަވާލުނުކުރެވުމުން އެމީހާ އިތުރަށް އެ ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންނުވިކަން އެނގޭ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ފޯނު ހަވާލު ކުރެވޭނީ 12 މަހުގެ ކޮންޓްރެކްޓެއް ހެދުމަށްފަހު ކަމަށާއި އެފަދަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދު ވެފައި ނެތުމުން ކޮންޓްރެކްޓެއް ވުޖޫދުވެފައި ނެތް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ހައިކޯޓުގައި މި ބެއްލެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.