ހަބަރު

ނަޝީދު މިނިވަންކޮށް، ސެކިއުލާ ފިކުރަށް ޖާގަދޭން ގޮވާލާ ގަރާރެއް އީޔޫ ޕާލިމެންޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ވާދަވެރިންގެ ތެރެއިން ޖަލަށް ލާފައިވާ މީހުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށާއި ސެކިއުލާ ފިކުރުގެ މީހުންނަށް ސިޔާސީ މައިދާނުގައި މިނިވަންކަމާ އެކު ވަކާލާތުކޮށް އުޅުމުގެ ފުުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ގަރާރެއް ޔޫރަޕިއަން ޔުނިއަންގެ ޕާލިމެންޓަށް މިއަދު ހުށަހަޅައިފި އެވެ.

ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ގްރޫޕްގެ ފަރާތުން ފާސްކުރަން ހުށަހެޅި ގަރާރުގައި ދިވެހި ސަރުކާރަށް ގޮވާލުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަންކޮށް، އެ ބޭފުޅުންގެ ދައުވާތައް އަނބުރާ ގެންދިއުން ހިމެނެ އެވެ. އަދި ޑިމޮކްރަސީ އާއި ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދަށް ކަމޭ ހިތުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ފުރިހަމަ އަށް ދިނުމަށް ގޮވާލުން ވެސް ހިމެނެ އެވެ. އަދި އިސްލާމީ "ކޮންޒަވެޓިވް" އުސޫލުތަކަށް ވަކާލާތުކުރާ މީހުންނަށް ސިޔާސީ މައިދާނުން ފުރުސަތު ދޭގޮތަށް ދީން ގަބޫލު ނުކުރާ ސެކިއުލާ މީހުންނަށް ވެސް މިނިވަންކަމާ އެކު ސިޔާސީ ކަންކަމުގައި އުޅުމުގެ ފުރުސަތު ދިނުމަށް ގޮވާލަން ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރުން މެދުކަނޑާލާފައި ބޭއްވުމަށް ކުރިން ވެސް އޮތް ގޮތަށް ބަދަލު ކުރުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލަައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަން ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އީޔޫގެ މެންބަރު ގައުމުތަކަށް ގޮވާލާ ކަންކަމުގެ ތެރޭގައި ހިމަނާފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވަމުންދާ ކަމުގެ އިންޒާރު އެ ގައުމުތަކަށް ދާ ޓޫރިސްޓުންނަށް ދިނުމާއި ސަރުކާރުގެ ވެރިންނާއި އެ މީހުންނާ ގުޅިފައިވާ ފަރާތްތަކަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ފަރާތްތަކުގެ މުދާ ޔޫރަޕްގައި ފްރީޒްކުރުމާއި މި ކަންކަން ގައުމުތަކުން ނިންމުމަށް ފަހު ދިވެހި ސަރުކާރަށް އެކަން އެންގުމަށް އީޔޫގެ ގައުމުތަކުގެ ވެރިންނަށް ދެންނެވުމެވެ.

މިގޮތަށް ފާސްކުރަން ހުށަހަޅާ ސަބަބުތައް ކަމަށް ބުނެ ފާހަގަކޮށްފައި ވަނީ ކުރިންވެސް ރާއްޖެއާ ބެހޭ ގޮތުން ޔޫރަޕުން ފާހަގަކުރާ މައްސަލަތަކެވެ. އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ކަމޭ ނުހިތުމާއި ޖުޑީޝަރީ ސިޔާސީ ވުމާއި މަރުގެ އަދަބު ދޭން ނިންމާފައި ވުމާއި ދީނީ ހަރުކަށި ވިސްނުން ރާއްޖޭގައި އިތުރުވަމުން ދިއުމެވެ.

 މި ހުށަހެޅުން އަދި އޮތީ ފުރަތަމަ ކިޔުމުގެ މަރުހަލާގަ އެވެ.