ހަބަރު

ޖަލްސާއަށް ފުށުއަރާތީ މެންބަރުންގެ އަޑުއެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެއްސުމާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރުންނާއި މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތިން ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ތާވަލުކުރީ މިއަދު ހަވީރު 3:00 އަށެވެ.

މިއަދު ކޯޓަށް މެންބަރުން ވަޑައިގަތުމުން ކޯޓުން އަންގާފައިވަނީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާތީ، އެ ޖަލްސާއަށް އަޑުއެހުން ފުށުއަރާތީ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. ކެންސަލްކުރި އަޑުއެހުން ދެން ބާއްވާނެ ދުވަހެއް އަދި ނާންގަ އެވެ. މިއަދު ކޯޓަށް ގިނަ މެންބަރުން ވަޑައިގެންނެވި އެވެ.

ކޯޓަށް ވަޑައިގެން މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ އޮންނަކަން މަޖިލީހުން އެންގީ، ޖަލްސާ ފެށިފަހުންކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.

މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ. ބާރަ ބޭފުޅުންނަށް ވެސް ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.

އަމީތާއި ވައްޑެ އަދި ސައުދުގެ މައްޗަށް ހަމަ އެއް ގަޒިއްޔާގެ ދަށުން އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެކުގައި ކުރިއަށް ގެންދާ އެ ދައުވާގެ އަޑުއެހުން ވެސް ކެންސަލްކުރި އެވެ.