ވިޔަފާރި

ކުރީގެ ފަސް ރުފިޔާގެ 20 މިލިއަން ރުފިޔާ އަދި ނުނެގި!

  • ބޭންކުން ބަލައި ގަންނާނީ މިމަހުގެ ނިޔަލަށް
  • އާ ނޫޓާއެކު ކުރީގެ ފަސް ރުފިޔާ އުވޭނެ
  • އާ ނޫޓު ހިތްގައިމު، ވަރުގަދަ ސަލާމަތީ ސިފަތައް

ފަސް ރުފިޔާގެ ކުރީގެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރެވޭނެ ސުންގަޑިއަކީ މި މަހުގެ ނިޔަލަށް ކަމަށްވީނަމަވެސް، 20 މިލިއަން ރުފިޔާ އަދި ނުނެގި، ދައުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން "އަވަސް" އަށް ދީފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނުވައެއް، އޮގަސްޓް މަހުގެ ނިޔަލަށް ހުރީ ފަސް ރުފިޔާގެ 25 މިލިއަން ރުފިޔާ އެވެ. އަދި ތިނެއް ޑިސެމްބަރުގެ ނިޔަލަށް ނަގާފައިވަނީ ފަސް މިލިއަން ރުފިޔާ އެވެ. އެއީ 20 ޕަސެންޓެވެ.

ރާއްޖޭގައި ބޭނުންކުރަމުން ގެންދާ "މުސްކުޅި" ފަސް ރުފިޔާގެ ބަދަލުގެ ފެންވަރު ރަނގަޅުކޮށް ޗާޕުކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓު ތައާރަފުކޮށް، ބޭނުން ކުރަން ފަށާފައިވަނީ މި އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހު އެވެ. ޕޮލިމާ ކަރުދާހުގައި ނެރުނު ފަސް ރުފިޔާގެ ނޫޓުން ދައްކުވައިދެނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުމެވެ. ފަސް ރުފިޔާގެ ޕޮލިމާ ނޫޓުގެ މޫނުމަތީ ކުރެހުމެއްގެ ގޮތުގައި ހިމަނާފައި ވަނީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ފަސް ރުފިޔާ ބޭނުން ކުރަން ފެށި ދުވަސް--

އާ ފަސް ރުފިޔާގެ މޫނުމަތީގައި ވަނީ ފުޓްބޯޅަ އާއި ސަގާފީ އެކި ކުޅިވަރުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން ދައްކައިދޭ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ދިވެހިން ކުރިން ގެންގުޅުނު ވަސީލަތް ތަކެވެ. މި ނޫޓުވެސް ކުރަހާފައިވަނީ ރަންދިހަ ފަހެއްގެ ނޫޓު ސީރީޒް ކުރެހި، އަބްދުﷲ ނަޝާތު އެވެ.

އާ ނޫޓުތަކާ ބެހޭ މައުލޫމާތު "އަވަސް" ގައި

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އާ ނޫޓު ނެރުމާއެކު ވިޔަފާރި މުއާމަލާތްތަކުގައި ކުރީގެ ނޫޓު ބޭނުން ކުރެވޭނީ މި އަހަރުގެ ނިޔަލަށެވެ. އަދި 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނޫޓުތަކަށް އެ ބޭންކުން ބަދަލުދޭނެ އެވެ.

މިނިވަން ކަމަށް ބައި ގަރުނު ފުރުން ފާހަގަ ކުރުމަށް މިދިޔަ އަހަރު ނެރުނު، ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100، 500 އެވެ. އަދި މީގެ އިތުރުން ނެރެފައިވަނީ 1،000 ރުފިޔާގެ ނޫޓެކެވެ.